އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓް ސްޕާސްއިން ކުޅުނު މެޗުގައި އެވަޓަން ކައިރިން 1-1 އިން އެއްވަރުވެއްޖެއެވެ.

ރޭ އެވަޓަން ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާ އާއެކު ޓޮޓެންހަމަށް ވަނީ ގަދަ ހަތަރެއް ގެއްލުމުގެ ބިރު ހީވެފައެވެ. އެ ޓީމުން މި ވަގުތު ހަތަރު ވަނައިގައި އޮތީ 29 މެޗުން 50 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން މިހާތަނަށް ކުޅުނު 27 މެޗުން 50 ޕޮއިންޓް ހަމަކޮށްފައިވާ އިރު، ޓޮޓެންހަމަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނައިގައި މި ވަގުތު އޮތް ނިއުކާސަލް އޮތީ 27 މެޗުން 50 ޕޮއިންޓާ އެކުގައެވެ. ޓޮޓެންހަމާއި ނިއުކާސަލްގެ ފަރަގަކީވެސް ފައިދާ ގޯލުގެ ފަރަގެކެވެ.

ރޭގެ މެޗުން ހޯދި ޕޮއިންޓާއެކު އެވަޓަންއަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް ހިތްވަރު އާވެފައެވެ. އެޓަންއިން މިހާތަނަށް ކުޅުނު 29 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު އޮތީ 15 ވަނައިގައެވެ. ރެލިގޭޝަން ޒޯނުގައި، 18 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑަށް 27 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.

ރޭގެ މެޗުގައި ފެނުނު ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، އެވަޓަންގެ މައިކަލް ކީން ދުރުން ޖެހި ހިތްގައިމު ގޯލު ފެނިގެން ދިޔައީ 90 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފް ޑްރާމާ ބޮޑުކޮށް ފެނިގެން ދިޔަ އިރު، 58 ވަނަ މިނެޓުގައި އެވަޓަންގެ އަބްދުﷲ ޑަކޯރޭއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. އޭނާއަށް ރެފްރީ ރަތް ކާޑު ދެއްކީ ހެރީ ކޭންގެ މޫނުމަތީގައި އަތުން ޖެހުމުންނެވެ.

އެ ރަތް ކާޑަށް 10 މިނެޓް ފަހުން ޓޮޓެންހަމުން މެޗުގައި ލީޑު ނަގައިފައިވަނީ ލިބުނު ޕެނަލްޓީއެއްގައެވެ. ކީން، އޭރިއާ ތެރެއިން ކްރިސްޓިއަން ރޮމޭރޯއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީގައި ޓޮޓެންހަމްގެ ގޯލު ޖެހީ ކޭންއެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ލޫކަސް މޯރައަށްވެސް ރެފްރީ ރަތް ކާޑު ދައްކާފައިވާ އިރު، ދެ ޓީމުންވެސް މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. އެވަޓަން ފަހުވަގުތު ޖެހި ގޯލާއެކު ޕޮއިންޓެއް ހޯދި އިރު، ރޭގެ މެޗަކީ އެންޓޯނިއޯ ކޮންޓޭ މަގާމުން ދުރުކުރި ފަހުން ޓޮޓެންހަމުން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.