ފުޓްބޯޅަ މެދުކެނޑިފައި އޮންނަތާ ހަތް މަސް ފަހުން ކުޅެން ޖެހުމުން ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޯސްތަކެއް ފެނުނު ނަމަވެސް، ކްލަބު އީގަލްސް ބަލިކޮށް ޗެރިޓީ ޝީލްޑް އުފުލައިލެވުމުން ހިތްހަމަޖެހޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން އީގަލްސް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލި ފަސްވަނަ ފަހަރެވެ. މީގެ ކުރިން މާޒިޔާ އިން ޝީލްޑް އުފުލާލާފައިވަނީ 2015، 2016، 2017ގެ އިތުރުން މިދިޔަ އަހަރެވެ. މާޒިޔާއަކީ ޗެރިޓީ ޝީލްޑް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ޓީމުވެސް މެއެވެ.

މާޒިޔާ އިން ވަރުގަދަ ޓްރާންސްފާތަކަކާއެކު، ރަނގަޅަށް ތައްޔާރުވެ ރޭގެ މެޗަށް ނުކުތް އިރު، ރޭގެ މެޗަކީ އެ ޓީމަށް އިރުޝާދު ދިން ކޯޗު އިވާންގެވެސް ފުރަތަމަ މެޗެވެ. މާޒިޔާ އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ދެ ގޯލު ޖެހި އިރު، ގޯލުތައް ޖެހީ މާޒިޔާ ޖާޒީގައި މުޅިން އަލަށް ކުޅުނު ކުރިން އީގަލްސްއަށް ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ބިދޭސީ ފޯވަޑް ސާބިއާގެ ސްޓެފަން މިހަލޮވިޗެވެ.

ރޭގެ މެޗަށްފަހު ކޯޗު އިވާން ބުނީ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ގޯސްތައް ފެނުނީ މާގިނަ ދުވަހަށްފަހު ވާދަވެރި މެޗަކަށް ނުކުންނަން ޖެހުމުން ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފާވެފައި. އެއީ މޮޅެއް ހޯދުނީމަ. މިކަހަލަ މެޗުތަކުން މުހިންމު ވާނީ މޮޅެއް ހޯދުން. އަހަރެން ފުރަތަމަވެސް ކުޅުންތެރިންނަށް މަރުހަބާ ކިޔަން ބޭނުންވޭ. އެއީ އެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. ބައިވަރު ގޯސްތައްވެސް ހެދުނު. އެކަމަކު އެއީ ހަތް މަސް ދުވަހު ވާދަވެރި މެޗެއް ނުކުޅެ ތިބެންޖެހިފައި ދަނޑު މައްޗަށް ނުކުތީމަ ކުޅުންތެރިންނަށް ދިމާވާނެ ކަންތައްތައް. އެންމެ މުހިންމު ކަމަކީ މޮޅެއް. ދެން މުހިންމުވީ ރަނގަޅަށް ކުޅެ ބުރަކޮށް މަސައްކަތް ކުރުން. އެކަން ކުޅުންތެރިން ކުރިން،" ކުރިން އިންޑޮނޭޝިއާގެ އިތުރުން މިޔަންމާ ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު އިވާން ބުންޏެވެ.

އިވާން ބުނީ މެޗުގައި ލިބުނު އިތުރު ފުރުސަތުތައް ރަނގަޅަށް ނިންމާލެވެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި މެޗުން ލިބުނު މޮޅާއެކު ސީޒަނުގައި ކުރިއަށްދާން އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މެޗުގައި ލިބުނު ގިނަ ފުރުސަތުތަކެއް ރަނގަޅަށް ނިންމާލެވެންޖެހޭ. ނިންމާލުންތައް ރަނގަޅުކުރަން ވިސްނަންޖެހޭ. އެކަމަކު އޯވަރޯލްކޮށް މެޗު ރަނގަޅު،" އިވާން ބުންޏެވެ.

ސީޒަނުގައި ދެން ކުރިއަށް އޮތީ މިމަހުގެ އަށްވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ޕްރެސިޑެންޓްސް ކަޕެވެ. މިދިޔަ ސީޒަނުގައި މާޒިޔާއަށް ގެއްލުނު ހަމައެކަނި ޑޮމެސްޓިކް ތަށްޓަކީ ޕްރެސިޑެންޓްސް ކަޕެވެ. މާޒިޔާއިން ވަނީ ރ. އަލިފުށީގައި ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި ކްލަބު ވެލެންސިއާ ކައިރިން ބަލިވެފައެވެ.