އިޓަލިއަން ސެރެއާ އޭގައި ރޭ އޭސީ މިލާނުން ނަޕޯލީ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ނަޕޯލީގެ ސްޓޭޑިއޯ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގައި ރޭ ކުޅުނު މެޗުގައި މިލާނުން ނަޕޯލީ ބަލިކުރީ 4-0ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާއާއެކުވެސް ނަޕޯލީން އޮތީ ލީގު ހޯދުމަށް ފުރުސަތު ފަހި ކޮށެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ކުޅުނު 28 މެޗުން 23 މޮޅާއެކު 71 ޕޮއިންޓް ހޯދާފައި އޮތްއިރު، ދެވަނައިގައި އޮތް ލާޒިއޯ އޮތީ 16 ޕޮއިންޓް ފަހަތުގައެވެ. ލާޒިއޯއިން މިހާތަނަށް ކުޅުނު 28 މެޗުން އެ ޓީމަށް ލިބުނީ 55 ޕޮއިންޓެވެ. އޭސީ މިލާނުން ރޭ ހޯދި މޮޅާއެކު އިންޓަ މިލާނުގެ ކުރިއަށް ތާވަލުގެ ތިންވަނައަށް ވަނީ ޖެހިލައިފައެވެ.
އޭސީ މިލާނުން 28 މެޗުން 51 ޕޮއިންޓް ހޯދާފައިވާ އިރު، ވާދަވެރި އިންޓަ މިލާން ހަތަރު ވަނައިގައި އޮތީ އެ އަދަދަށް މެޗު ކުޅެ 50 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗަށް ނަޕޯލީން ނުކުތީ ފޯމުގައި ހުރި އިތުބާރު ފޯވަޑް ވިކްޓާ އޮސިމެން ނުލައެވެ. އިންޓަނޭޝަނަލް ބްރޭކްގައި ނައިޖީރިއާގެ ފޯވާޑް އޮސިމެންގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ހުރީ އަނިޔާގައެވެ.
މުޅި މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް ކުޅުނު މިލާނުން ފުރަތަމަ ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ރަފޭލް ލެއާއޯއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރަހީމް ޑިއާޒެވެ. އޭގެ އަށް މިނެޓް ފަހުން ޑިއާޒް އިތުރު ގޯލެއް ޖަހައި މިލާނަށް ލީޑު ފުޅާކޮށްދިން އިރު، ދެވަނަ ހާފަށް ނުކުމެ ލެއާއޯ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އަދި މިލާންގެ ފަހު ގޯލު ޖެހީ އެލެކްސިސް ސޭލްސް މޭކާއެވެ.
ނަޕޯލީން ވަރުގަދަ ފޯމެއް ދަމަހައްޓަމުން އައި މި ސީޒަނުގައި އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ. ނަމަވެސް ދެން ލީގުގައި ބާކީ އޮތް 10 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިޔަސް ނަޕޯލީއަށް ލީގު ޔަގީންވާނެއެވެ. ނަޕޯލީން އެންމެފަހުން ލީގު ހޯދީ 1990 ވަނަ އަހަރުއެވެ.
ނަޕޯލީއާއި މިލާން ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައިވެސް ވާދަކުރަން ޖެހޭއިރު، މިރޭގެ ނަތީޖާއާއެކު އެ ދެ މެޗުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށް ބެލެވެއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ