ސްކޫލް ދަރިވަރުން ޔުނީފޯމާއެކު ސްކޫސްމާޓްވޮޗު އެޅުން މަނާކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު "ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު" އާންމުކޮށްފައެވެ. އެ ގަވާއިދުގައި ވަނީ ދަރިވަރުންގެ ޔުނިފޯމާއި ހެދުން އެޅުމުގެ މިންގަނޑު ބަޔާންކޮށްފައެވެ.
އެ މިންގަނޑުގައިވާ ގޮތުން ސްމާޓްވޮޗު އެޅުން މަނާވިޔަސް ކީސްޓޭޖް ދޭކުން ފެށިގެން މަތީގެ ދަރިވަރުންނަށް ޔުނިފޯމާއެކު އާދައިގެ އަތުކުރިގަޑިއެއް އެޅިދާނެއެވެ.
އެޑިއުކޭޝަނުން ބުނީ "ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު" ގެ މަގުސަދަކީ ސްކޫލުން އަންގާ އެންގުންތަކަށް އަމަލުކުރުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި ސްކޫލުގެ ވެރިން، މުދައްރިސުން، މުވައްޒަފުން އަދި ބެލެނިވެރިންނަށް ކިޔަމަންތެރިވާ ދަރިވަރުންތަކެއް އުފެއްދުން ކަމަށެވެ. އަދި ރަނގަޅު އަހުލާގީ ރައްޔިތަކު ބިނާކުރުމާއި ދިވެހި ސަގާފަތާއި އާދަކާދައިގެ އިތުރުން އިޖުތިމާއީ އަދަބުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި އިސްލާމްދީން އަދި ގައުމަށް ތެދުވެރި، އެހެން މީހުންނަށް އިހުތިރާމްކުރާ ދަރިވަރެއް ބިނާކުރުން ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
"ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު" ތަންފީޒު ކުރާނީ ސްކޫލުގެ ޕްރިންސިޕަލުން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ގަވާއިދުގައިވާ ގޮތުން ސްކޫލުން އަންގާ ގޮތެއްގެ މަތިން ކިޔެވުމަށާއި އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރު ހާޒިރުވާންވާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ހާޒިރު ނުވެވޭނަމަ "ދަރިވަރުން ސްކޫލަށް ހާޒިރުވާން ކަށަވަރުކުރުމުގެ އުސޫލު" އާ އެއްގޮތަށް ބެލެނިވެރިޔާ އަމަލު ކުރަންވާނެއެވެ.
- ދަރިވަރުން ސްކޫލަށް ހާޒިރު ވާންވާނީ އަދި ސްކޫލް ތަމްސީލްކުރުމަށް ދާންވާނީ ސްކޫލް ޔުނިފޯމު ނުވަތަ ސްކޫލް ކަނޑައަޅާ ހެދުމެއްގައި
- ދަރިވަރުން ޔުނިފޯމް އަޅަންވާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ހުއްދަދެވިފައިވާ ޔުނިފޯމު ކޯޑާ އެއްގޮތަށް
- ސްކޫލް ޔުނިފޯމާއެކު އަންހެން ކުދިންނަށް ގަހަނާގެ ގޮތުގައި ބޭނުން ކުރެވޭނީ ކަރުގައި އަޅާ ފަށަކާއި ކަންފަތުގައި ލާ އެއްޗެއް. ފަށް އަޅަންވާނީ ޔުނިފޯމުގެ ބޭރުން ފަށް ނުފެންނަ ގޮތަށް. ކަންފަތުލާ އެތީގެ ގޮތުގައި ބޭނުން ކުރެވޭނީ އެލިފައި ނުހުންނަ (ސްޓަޑް ފަދަ) ތަކެތި
- އަންހެން ކުދިންނަށް ކަންފަތް ފޫޅު ފިޔަވައި އެހެން ތަންތަން ތޮރުފުމަކީ މަނާކަމެއް. އަދި ފިރިހެން ކުދިން ހަށިގަނޑު އެއްވެސް ތަނެއް ތޮރުފުމަކީ މަނާކަމެއް
- ފިރިހެން ކުދިން އަތުކުރީ ގަޑި ފިޔަވައި އެއްވެސް ބާވަތެއްގެ ގަހަނާއެއް ޔުނިފޯމާއެކު ބޭނުން ކޮށްގެން ނުވާނެ
- ކީސްޓޭޖް ދޭކުން ފެށިގެން މަތީގެ ދަރިވަރުންނަށް ޔުނިފޯމާއެކު އާދައިގެ އަތުކުރީގަޑިއެއް އެޅިދާނެ. ނަަމަވެސް ސްމާޓްވޮޗް އެޅުމަކީ މަނާކަމެއް
- ފިރިހެން ކުދިން ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާފައި
- ބޮލުގެ އިސްތަށިގަނޑުގައި ކުލަޖެއްސުމަކީ މަނާކަމެއް. އިސްތަށިގަނޑު ހުންނަން ވާނީ ސާފުކޮށް
- ފިރިހެން ކުދިން ތުނބުޅި އާއި މަތިމަސް ބަހައްޓައިގެން ނުވާނެ
- ދަރިވަރުންގެ ނިޔަފަތި ހުންނަންވާނީ ކަނޑައި ސާފުކޮށްފައި
- މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިއްކުން
- ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެފަދަ ތަކެތި ގެންގުޅުމާއި ވިއްކުން
- ދުއްވާ އެއްޗެހި ލައިސަންސް ނެތި ދުއްވުން
- ޓެޓޫ ޖެހުން
- ސްކޫލް ތަމްސީލުކުރާ ހަރަކާތެއް ފިޔަވައި އިތުރު ކަމެއްގައި ސްކޫލް ޔުނިފޯމް ބޭނުންކުރުން
- ކުލަބް ޖަމިއްޔާ ފަދަ ތަނެއްގެ މެމްބަރަކަށްވުން
- މާރާމާރީ ހިންގުމާއި އެފަދަ ކަމަކަށް ހިތްވަރު ދިނުމާއި އެފަދަ ކަމަކަށް މަގުފަހިވާނެ ފަދަ ކަމެއްކުރުން
- ހަނގާކުރުމަ އަދި އެފަދަ ކަމަކަށް މަގުފަހިވާނެ ފަދަ އެއްވެސް ކަމެއްކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުން
- މުޒާހަރާކުރުމާއި ހަޅުތާލުކުރުމުގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމާއި އެއިން ކަމެއްގައި ބައިވެރިވުން
- ބެލެނިވެރިޔާގެ ހުއްދަ ލިބިގެން ނޫނީ ރޭގަނޑު 10:00 އިން ފެށިގެން ގެއިން ބޭރުގައި އުޅުން (ސްކޫލް ހިންގާ ހަރަކާތެއްގައި ބައިވެރިވުމަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން އުޅޭ އުޅުން އިސްތިސްނާވާނެ)
- ބަދުއަހުލާގީ އަމަލު ހިންގުމާއި އެފަދަ ކަމަކަށް މަގުފަހިވާނެ ފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުން
- ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި އިސްލާމްދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުން
- ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމާއި ސިޔާސީ ޕާޓީއަކުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން
- ސްކޫލް ގަޑީގައި މޯބައިން ފޯން ބޭނުންކުރުން (ސްކޫލުން ދޭ ހުއްދަ އެއްގެ ދަށުން ގްރޭޑް 11 އަދި 12 އިގެ ދަރިވަރުންނަށް ސްކޫލުގައި ފޯން ބޭނުން ކުރެވިދާނެ)
"ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު" ހިލާފުވާ ދަރިވަރުންނާ މެދު "ބިހޭވިއާ މެނޭޖުމެންޓް ޕޮލިސީ" އާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ސްކޫލްގައި ދަރިވަރުން އުޅޭ އިރު ދަރިވަރުން އަމަލުކުރާނެ ގަވާއިދަކާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަން ކުރާނެ މިންގަނޑުތަކެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު