އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ނިއުކާސަލް ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި މިރޭ ޔުނައިޓެޑުން ނިއުކާސަލް އަތްދަށުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރިން ޔުނައިޓެޑް ތާވަލުގެ ތިންވަނައިގައި އޮތް ނަމަވެސް، މިރޭގެ ނަތީޖާއާއެކު ނިއުކާސަލް ވަނީ ޔުނައިޓެޑްގެ މައްޗަށް ޖެހިލައިފައެވެ. ޔުނައިޓެޑާއި ނިއުކާސަލްވެސް ލީގުގައި ކުޅުނު 27 މެޗުން 50 ޕޮއިންޓް ހޯދާފައިވާ އިރު، ނިއުކާސަލްއަށް ތިންވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ޔުނައިޓެޑް ހަތަރުވައިގައި އޮތީ ފައިދާ ހަތަރު ގޯލާއެކުގައެވެ. ނިއުކާސަލް ތިންވަނައިގައި އޮތީ ފައިދާ 22 ގޯލާއެކުގައެވެ.
ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް އެޓީމަށް މޮޅަށް ހޯދިފައިނުވާ އިރު، އެ ތިން މެޗުގައިވެސް އެޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އޭގެ ތެރެއިން އެއް މެޗުން އެއްވަރުވި ނަމަވެސް އަނެއް ދެމެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ.
މިރޭގެ މެޗު ރަނގަޅަށް ފަށައި ފުރަތަމަ ހާފުގައިވެސް ހަމަލާތައް އުފެއްދީ ނިއުކާސަލްއިންނެވެ. ޖޯއީ ވިލޮކާއި އެލެކްސެންޑްރާ އިސާކްގެ ހަމަލާތައް ނިއުކާސަލްއިން ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށްލި ނަމަވެސް، ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
އޭގެ އިތުރުންވެސް އެލެން ސެއިންޓް-މެކްސިމިންގެ ނުރައްކާވެސް ނިއުކާސަލްގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ. ދެވަނަ ހާފަށް ނުކުމެ ނިއުކާސަލް ލީޑު ނެގީ 65 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ސެއިންޓް-މެކްސިމިން ފްލިކް ކޮށްލި ބޯޅައެއްގައި ވިލޮކް ބޮލުން ޖެހި ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވާ އިރު، ދެވަނަ ހާފުގައިވެސް އެެޓީމަށް އެންމެ އެކަށީގެންވާ އެޓޭކެއް އުފެއްދިފައެއް ނުވެއެވެ. ޔުނައިޓެޑްގެ ނެދަލޭންޑްސް ފޯވަޑް ވޯޓް ވެގޯސްޓްގެ ހަމަލާއެއް އަރިމަތީ ދާގަނޑަށް އަމާޒުވެފައިވާ އިރު، މެޗުގެ ދެވަނަ ގޯލެއްވެސް ޖެހީ ނިއުކާސަލްއިންނެވެ.
މެޗުގެ 88 ވަނަ މިނެޓުގައި ނިއުކާސަލްގެ ދެވަނަ ގޯލު ޖަހައި އެޓީމަށް މެޗުގެ ތިން ޕޮއިންޓް ޔަގީން ކޮށްދިނީ ބަދަލަކަށް ނުކުތް ކަލުމް ވިލްސަންއެވެ. ވިލްސަންގެ ގޯލަކީވެސް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ.
ނިއުކާސަލްއިން މިރޭ ހޯދި މޮޅާއެކު އެޓީމަށް ގަދަ ހަތަރެއްގެ އުންމީދު ބޮޑުވެފައިވާ އިރު، މީގެ ކުރިން އެންމެފަހުން ނިއުކާސަލްއިން ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނީ 2002-03 ވަނަ އަހަރުގެ ސީޒަނުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު