ޚަބަރު

މޫނު ބުރުގާ އެޅުން މަނާކުރި މައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިން ކޯޓަށް

މުހައްމަދު އިޝާން

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނޫ ބުރުގާ އެޅުން މަނާކުރި މައްސަލަ އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ ރެހެނދި ޗެމްބާސްއިންނެވެ. އެ ލޯފަމަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާގެ ލޯފާމެކެވެ.

ރެހެނދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަރަބިއްޔާގައި ކިޔަވަމުންދާ އަންހެން ކުދިންގެ ތެރެއިން މޫނު ކަޝްފުކޮށްގެން މުޖުތަމައުގެ ތެރެއަށް ނުކުންނަން ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަނިކޮށް، އެގޮތަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެނެވޭނެކަން އެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަނގަބަހުން، އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެ ދަރިވަރުން ސްކޫލަށް ދިޔުމުން މަހުރޫމުވަމުންދާ މައްސަލަ މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ލޯފާމުން ބުންޏެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ "ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނު" އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުހާދާތަކުގެ ދަށުން ކަމަށް ރެހެނދި ލޯފާމުން ބުންޏެވެ.

"އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި، ތައުލީމު ލިބިގަތުމަކީ ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށްމެ ލިބިފައިވާ އިންސާނީ ދުސްތޫރީ އަދި ހައްގެއް" ރެހެނދި ޗެމްބާއިން ބުންޏެވެ.

މީގެ އިތުރުން އެ ލޯފާމުން ބުނީ ސްކޫލް ދަރިވަރުންގެ ޔުނިފޯމް ކޯޑެއް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިނުވާ ކަމަށާއި މޫނު ބުރުގާ އެޅުމަކީ މުޖުތަމައު ގަބޫލުކުރާ ކަމަކަށްވުމުން ސްކޫލް ދަރިވަރުންނަށް އެ ފުރުސަތު ލިބިދޭން ޖެހޭނެ ކަމަށެވެ. އަދި އަރަބިއްޔާގައި މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާކުރުމުން، އެ ދަރިވަރުން ދާނެ އިތުރު ސްކޫލެއް ނެތި ތައުލީމު އުނގެނުމުން މަހުރޫމްވެފައިވާ ކަމަށެވެ.

އެ ކުދިންނަށް ސްކޫލަށް ނުދެވޭ ގޮތަށް ސިޔާސަތުތައް ހެދުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށާއި މޫނު ބުރުގާ މައްސަލައިގައި ދަރިވަރުންނަށް ނަފުސާނީ ގޮތުން ގެއްލުންވެފައިވާ ކަމަށް ރެހެނދި ޗެމްބާސްއިން ބުންޏެވެ.

އެހެންވެ، މައްސަލައިގެ ޝަރީއަތް ނިމެންދެން މޫނު ބުރުގާ އަޅައިގެން ދަރިވަރުންނަށް ސްކޫލަށް ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ރެހެނދި ޗެމްބާސްއިން ވަނީ އެދިފައެވެ.