ހއ. އިހަވަންދޫގެ މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގުގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 102،846،733.89 (102.8 މިލިއަން) ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އާރުޑީސީން ގެންދަނީ މާލޭ އަމީނީ މަގުގުތައި ތާރު އެޅުމުގެ މަސައްކަތާއި ނ. މަނަދޫ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ފެން މަގުތަކުގައި ފެން ހިންދާ ނިޒާމު އާރުޑީސީން ހަދާނެއެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް އާރުޑީސީން ކުރާނެއެވެ.
އާރުޑީސީއަށް ވަރަށް ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ މަސައްކަތް އަވަސް މިނެއްގައި ކުރިއަށްނުދާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެއެވެ.