ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އާއި ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓު ހިންގުމަށް 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސަން ޓްރެވަލްސްއިން އެ އެއްބަސްވުން 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބާތިލުކުރުމުން ހިލްޓަންއިން ވަނީ ސަން ޓްރެވަލްސްއާ ދެކޮޅަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިފައެވެ. 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އައިސީސީ ކޯޓް އޮފް އާބިޓްރޭޝަންއިން، އާބިޓްރޭޝަން ބައްދަލުވުމުން ބާއްވާނެ ތަނެއް (ސީޓް އޮފް އާބިޓްރޭޝަން) ގެ ގޮތުގައި ސިންގަޕޫރު ކަނޑައަޅާފައިވެއެވެ.
އެ މައްސަލު ބެލުމަށްފަހު ސިންގަޕޫރު އާބިޓްރޭޝަނުން 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު "ޕާޝަލް އެވޯޑް" އަދި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު "ފައިނަލް އެވޯޑް" ނެރެފައިވެއެވެ. އެ ފައިނަލް އެވޯޑުގެ ދަށުން ޓްރެވަލްސްއިން ހިލްޓަންއަށް 20،945،000 ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ. އަދި ވަނީ ޖޫރިމާނާ އާއި އިތުރު ހަރަދުތައް ދެއްކުމަށްވެސް އަމުރުކޮށްފައެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި ހިލްޓަނުން ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ހިލްޓަނުން މައްސަލަ ހުށަހަޅާފައިވަނީ އެ ކޯޓުގެ ނުބައި ޑިވިޝަނަކަށް ކަމަށެވެ. އެ ހުކުމަށްފަހު ހިލްޓަނުން ވަނީ އަލުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އަމުރުކުރީ އާބިިޓްރަލް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެ އެވޯޑާ މެދު ހައިކޯޓުން ކުރާ އަމުރަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ހިލްޓަނުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ "އާބިޓްރޭޝަން ގާނޫނު"ގެ ދަށުން އާބިޓްރަލް ތަންފީޒުކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށެވެ.
އެހެންވެ އާބިޓްރޭޝަންގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ހިލްޓަނުން ތިންވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، އައިސީސީގެ ނިންމުމާ ގުޅިގެން "އާބިޓްރޭޝަން ގާނޫނު"ގެ 74 ވަނަ މާއްދާއަށް ރިއާޔަތްކޮށް އާބިޓްރަލް އެވޯޑުތައް ރާއްޖޭގައި ބަލައިގަތުން މަނާވެގެންވާ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، އެ އެވޯޑުތައް ބަލައިގަނެ, އެ އެވޯޑުތަކާ ގުޅިގެން ބާކީ ދައްކަން ޖެހޭ އެންމެހާ ފައިސާ އަރަމުންދާ ޖޫރިމަނާ އާއި އިތުރު ހަރަދުތަކާއެކު ސަން ޓްރެވަލްސްއިން 14 ދުވަހުގެ ތެރޭގައި ހިލްޓަނަށް ލިބެން ޖެހޭ ފައިސާ ސިވިލް ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭނެ ކަމަށެވެ.
މި މައްސަލަ ސަން ޓްރެވަލްސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދުނެވެ.
އެކަމާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ)ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ނެރެފައިވާ އާބިޓްރަލް އެވޯޑް ތަންފީޒު ކުރުމަށް އެދި ހިލްޓަންގެ ފަރާތުން، ސަން ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލަމުންދާ ގަޒިއްޔާއާ ގުޅިގެން ފަހެއް ފެބްރުއަރީ 2023 ގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސަން ޓްރެވަލްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބަލަމުންގެންދާ މައްސަލައިގެ ތެރެއިން، ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ސަން ޓްރެވަލްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބަލާ އިރު، ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން މި ހިނދަށް ފަސްނުކޮށްފިނަމަ، ސަން ޓްރެވަލްސްގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބުރަ ވެވޭ ކަމަށެވެ.
އެހެންކަމުން ހައިކޯޓުން ބުނެފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ކަނޑައަޅަންދެން، ނުވަތަ އެ މައްސަލައިގައި އެނޫން ގޮތެއް ހައިކޯޓުން އަންގަންދެން، ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު