ފިލިޕީންސްގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ލުހެއިމް މުހައްމަދު އިސްމާއީލް (21 އ) އަށެވެ. ލުހެއިމްއަކީ ފުވައްމުލަކު މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު އިސްމާއިލް ދީދީގެ ދަރިފުޅެވެ.
ފުވައްމުލަށް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓު ހިނގީ ލުހެއިމް ދުއްވި ސައިކަލް އިތުރު އެއްޗެއްގައި ޖެހިގެން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމަކު ޖެހުނީ ކޮންއެެއްޗެއްގައިކަން މިވަގުތު ސާފުނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ލުހެއިމްގެ ބައްޕަ މުހައްމަދު އިސްމާއިލް "ވަން" އަށް މިއަދު ވިދާޅުވީ ލުހެއިމް އެކްސިޑެންޓުވީ އޭނާ ދުއްވަމުން ދިޔަ ސައިކަލު އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ލުހެއިމް އަށް ލިބުނު އަނިޔާ ތަފުސީލްކޮށްދެއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، މިވަގުތުވެސް ފުރާނަ ސަލާމަތްކުރުމަށް އޮޕަރޭޝަންތަކެއް ކުރަމުން އަންނަ ކަމަށެވެ. ލުހެއިމްގެ ދެފައި ބިނދި ބޮލަށާއި އިތުރު ގުނަވަންތަކަށްވެސް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"މިވަގުތުވެސް ލައިފްސޭވިން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަމުން އެ ދަނީ. އޮޕަރޭޝަނުގައި ހަށިގަނޑުގެ ގުނަވަންތައްވެސް ނަގަންޖެހިދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެކޮޅުގަ ތިބި މީހުން ބުނޭ. ބޮލަށްވެސް ބޮޑެތި އަނިޔާ ލިބިފަ ހުރި ކަމަށް ބުނަނީ. އަޅުގަނޑުމެން މިތިބީ މިވަގުތު ރާއްޖޭގަ ވީމަ އަދި މާބޮޑު ތަފުސީލެއްވެސް ލިބޭ ގޮތެއް ނުވޭ." އޭނާ ވިދާޅުވިއެވެ.
ލުހެއިމްގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިވަގުތު ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.
ލުހެއިމަކީ ފިލިޕީންސްގައި ޕައިލެޓު ކޯސް ފުރިހަމަ ކުރަމުން އަންނަ ޒުވާނެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ކޯހުގެ ބޮޑުބައެއް މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު