މާލެސިޓީ ކައުންސިލުން، މާލޭގެ 353 ނަންބަރު ކޮށީގައި ހުރި ގުދަނަށް ވަދެ އެތަން ހުސްކުރީ، އެއީ ޔޫތު މިނިސްޓްރީގެ ތަނެއްކަން އެނގިތިބެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރިން ޕީޕީއެމް ރުމާލު 2 ޖަގަހަ އާ އިންވެގެން ހުރި އެ ގުދަނަށް މާލެސިޓީ ކައުންސިލުން އަންގައިގެން އެ ކައުންސިލުގެ މުވައްޒަފުން ވަދެ، އެތަނުގައި ހުރި މުދާތައް ޕިކަޕަށް އަރުވައިގެން ގެންދާ ފޮޓޯއާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ.

މި ފޮޓޯއާއި ވީޑިއޯތައް އާންމުކުރައްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ އެތަނުގައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ސިޓީކައުންސިލުން ގެންދާ ކަމަށެވެ. މިކަން ވަގުތުން ހުއްޓާލުމަށާއި އަދި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ކައުންސިލުން ޒިންމާ އުފުލަން ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ޔޫތު މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާއިރު، ސިޓީ ކައުންސިލުން ބުނީ ގުދަން ހުރި ބިމަކީ އެ ކައުންސިލުގެ ބިމެއް ކަމަށެވެ. އަދި ޔޫތު މިނިސްޓްރީން އެ ގުދަން ބޭނުންކޮށްފައި ވަނީ އެ ކައުންސިލުގެ ހުއްދަ ނުހޯދައި ކަމަށާއި އެތަން ހުސްކުރީ ގުދަން ބޭނުންކުރަމުން އަންނަ ފަރާތެއް ހޯދަން އިއުލާންކުރުމަށްފަހު އެ ގުދަން ބޭނުންކުރާ ފަރާތެއް ނެތުމުން ކަމަށެވެ. އޭގެ އިތުރުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތް ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ 353 ނަންބަރު ކޮށްޓަކީ 2019 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ކުޅިވަރުގެ ބޭނުމަށް ކަނޑައަޅައި ޔޫތު މިނިސްޓްރީއަށް ދީފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް ހައުސިން މިނިސްޓްރީން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެ މިނިސްޓްރީއަށް ދީފައިވާ ކަމަށްވެސް ބުންޏެވެ.

ޔޫތު މިނިސްޓްރީން ބުނީ ހައުސިން މިނިސްޓްރީން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ފޮނުވި ޗާޓުގައިވެސް މި ބިމަކީ ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އެހެން ކަމުން ކައުންސިލުން މި ބިމުގައި ހުރި ގުދަނަށް ވަދެ އެތަން ހުސްކުރީ އެއީ ޔޫތު މިނިސްޓްރީގެ ތަނެއްކަން އެނގިތިބެ ކަމަށްވެސް ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ބިމަކީ ވޮލީ ބޯޅަ އިންޑޯ އިމާރާތް ހެދުމަށް ޕްލޭންކޮށްފައިވާ ބިމެއް ކަމަށެވެ. މި ބިމުގައި ވޮލީގެ އިމާރާތް ހެދުމަށް ކޮންސެޕްޓް ކުރެހުންތައް ކުރަހައި، ހައުސިން މިނިސްޓްރީއަށް 2021 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ކޮންސެޕްޓް ފޮނުވައި، ފާސްކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު އާއިޝަތު ނަހުލާ އާއި ކައުންސިލްގެ އިސް ވެރިންގެ އިތުރުން މުވައްޒަފުން ގޮސް އެ ގުދަނަށް ވަދެ އެ ތަނުގައި ހުރި މުދާ، ހުއްދައެއް ނެތި ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފަށް ގެންދިއުމަށް މަސައްކަތްކޮށް، ބައެއް މުދަލަށް ގެއްލުންދީފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ގޮތަށް މިނިސްޓްރީގެ ގުދަނެއްގައި ކައުންސިލަށް އަތްލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނާއެކު ޔޫތު މިނިސްޓްރީން ވަނީ، މި ބިމަކީ އެ މިނިސްޓްރީ ދޫކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔެކިޔުންތަކެއްވެސް އާންމުކޮށްފައެވެ.