ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު ލީގު މެޗުގައި ރަށުން ބޭރުގައި އެލްޗޭ ބަލިކޮށްފިއެވެ.
ބާސައިން ރޭ ރަށުން ބޭރުގައި އެލްޗޭގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ބާސާއިން ރޭ ހޯދި މޮޅާއެކު އެޓީމަށް ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓްގެ ލީޑެއް ލިބިފައިވާ އިރު، މިއީ 2019 ވަނަ އަހަރަށްފަހު އެ ކްލަބުން ލީގު ތަށި ނެގުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު 27 މެޗުން އެޓީމަށް 71 ޕޮއިންޓް ލިބިފައިވާ އިރު، ވާދަވެރި ރެއާލް މެޑްރިޑުން ކުޅުނު 26 މެޗުގައި އެޓީމަށް ހޯދުނީ 56 ޕޮއިންޓެވެ.
ރެއާލްއިން މި ހަފުތާގައި ކުޅޭ މެޗުގައި މިރޭ ނުކުންނާނީ ރެއާލް ވޮލަޑޮލިޑާ ދެކޮޅަށެވެ. އެމެޗުން ރެއާލް މޮޅުވި ނަމަވެސް، ބާސާ އޮންނާނީ 12 ޕޮއިންޓްގެ ލީޑެއްގައެވެ. ބާސާއަށް ލީގުގައި ބާކީ 11 މެޗު އޮތް އިރު،، މިހާރު އޮތް ގޮތުން އެޓީމަށް ލީގު ލިބުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ.
ބާސާއިން ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ލީޑު ނެގީ ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. ލެވަންޑޯސްކީގެ ގޯލަކީ އަންސޫ ފަޓީ ތަނަވަސްކޮށްދިން ފުރުސަތުގައި އޭނާ ޖެހި ގޯލެކެވެ. އެ ގޯލުގެ އިތުރުންވެސް ބާސާއިން ފުރަތަމަ ހާފުގައި އިތުރު ފުރުސަތުތައް ހޯދި ނަމަވެސް، ދެވަނަ ގޯލު ފެނިނޫ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ.
ދެވަނަ ހާފު ފެށިގެން އަށްވަރަކަށް މިނެޓް ހިނގިތަނާ ބާސާއަށް ދެވަނަ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ފަޓީއެވެ. ބާސާއިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު އިރު، ގަވީގެ ޕާހަކުން ލެވަންޑޯސްކީ އޭނާގެ ދެވަނަ ގޯލުވެސް މެޗުގައި ޖެހިއެވެ. އެއީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ލެވަންޑޯސްކީ ޖެހި 17 ވަނަ ގޯލެވެ. ލެވަންޑޯސްކީއަކީ މިވަގުތު ލަލީގާގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.
ބާސާއަށް މެޗުގައި ހަތަރުވަނަ ގޯލެއް ޖަހައިދިނީ ފެރާން ޓޮރެސްއެވެ. އޭނާގެ ގޯލު ފެނުނީ 70 ވަނަ މިނެޓުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ