އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި އެސްޓޮން ވިލާ ކައިރިން 2-0 އިން ބަލިވެއްޖެއެވެ.

ޗެލްސީ ރޭ އަމިއްލަ ދަނޑުގައި ވި ބައްޔާއެކު އެޓީމުގެ ލީގު ސީޒަން ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. މިވަގުތު ތާވަލުގެ 11 ވަނައިގައި ޗެލްސީ އޮތް އިރު، އެޓީމަށް މިހާތަނަށް ކުޅުނު 28 މެޗުން ލިބުނީ 38 ޕޮއިންޓެވެ. މިހާތަނަށް ޗެލްސީން ލީގުގައި ކުޅުނު މެޗުތަކުގައި އެންމެ 29 ގޯލު ޖެހުނު އިރު، އެޓީމު ކޮޅަށް 30 ގޯލު ވަދެފައިވެއެވެ. މިއީ ތާރީހުގައިވެސް އެޓީމަށް ދަށް ސީޒަނެކެވެ.

މިދިޔަ ސީޒަނަށްފަހު އާ ވެރިން ޗެލްސީއާ ހަވާލުވެ މިހާތަނަށް ބޮޑެތި ޓްރާންސްފާތަކެއް ކޮށް، 550 މިލިއަން ޕައުންޑް ހަރަދުކޮށްފައިވެއެވެ. މިދިޔަ ފިނި މޫސުމުގައިވެސް ޗެލްސީން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ އިރު، ނަތީޖާތައް ރަނގަޅު ނުވުމަކީ ކޯޗު ގްރަހަމް ޕޮޓާއަށް ޕްރެޝަރާ ކުރިމަތިވާނެ ކަމެކެވެ.

ޗެލްސީން މިއަހަރުވެސް ދަށްކޮށް ފެށި އިރު، އެ ބަލިތަކާއެކު ކުރިން ބޯޑުން ބުނަމުންދިޔައީ ޕޮޓާއަށް އިތުބާރުކޮށް، އޭނާ ކްލަބުގެ ކޯޗުކަމުގައި ބަހައްޓާނެ ކަމަށެވެ. ޕްލޭނަކީ ދިގު މުއްދަތުގެ ޕްލޭނެއް ކަމަށް ކުރިން ޗެލްސީ ބޯޑުން ބުނި ނަމަވެސް، މިހާރު ތާވަލުގައި އޮތް ހިސާބުން ޕޮޓާއާ ދޭތެރޭ އިތުރު ވިސްނުމަކަށް ބޯޑުން ގޮސްދާނެ ކަމަށް ބެލެވެއެވެ.

ވިލާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޗެލްސީން 27 ހަމަލާއެއް ގޯލަށް ފޮނުވާލަން މަސައްކަތް ކޮށް، އަށް ހަމަލާއެއް ގޯލަށް ދިމާލަށް ފޮނުވާލި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. 69 ޕަސެންޓް ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީން ނަމަވެސް ވިލާއިން ވަނީ ދެ ހާފުގެވެސް ކުރީކޮޅުގައި ގޯލުތައް ޖަހައިފައެވެ.

ޗެލްސީގެ ފަހަތުން މާކް ކުކުރޭލާ ހެދި ގޯހަކުން ފުރަތަމަ ކޮޅުގައި އޮލޭ ވޮޓްކިންސް ވިލާއަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގައި އެޓީމުގެ ދެވަނަ ގޯލު ޖެހީ ޖޯން މެގިންއެވެ. ޗެލްސީއަށް ލިބުނު ފުރުސަތުތަކުގައި ޖާއޯ ފެލިކްސްއާއި މައިހައިލޯ މުޑްރީކްގެ އިތުރުން ބެން ޗިލްވެލްއަށްވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި މެދުތެރެއަށް އެންގޯލޯ ކަންޓޭ ކުޅެން ނުކުމެފައިވާ އިރު، އޭނާއަށްވެސް ފުރުސަތު ލިބި ބޭކާރުވިއެވެ. ކަންޓޭ ރޭގެ މެޗަށް ނުކުތީ މިދިޔަ އަހަރު އޮކްޓޯބަރު މަހަށްފަހު އަނިޔާގައި ހުރުމަށްފަހު ފިޓްވެގެންނެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ޕޮޓާ ބުނީ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ނަތީޖާ ނުނެރެވުނު ކަމަށާއި، ޒިންމާ ނަގާނީ އޭނާ ކަމަށެވެ.

"ބައްޔަކާއެކު އަބަދުވެސް މާޔޫސްކަން އަންނާނެ. އެއްވެސް ކަމެއް މިހާތަނަށް އައިއިރު ރަނގަޅު ނުވާ ކަމުގެ އިހުސާސްވެސް ކުރެވޭނެ. އެކަމަކު ޕާފޮމަންސް އެނަލައިސްކޮށް ރަނގަޅު ކަންތަކާއި ގޯސްކަންތައް ބަލާނަން. މެޗަށް ބަލާއިރު ފުރުސަތުތައް ޗެލްސީއަށް ލިބި ބޭކާރުވި. އެއީ އެންމެ ބޮޑު މާޔޫސްކަމަކީ. އެއްވެސް މީހަކަށް މިކަމުގައި އެއްޗެހި ގޮވާކަށް ނެތިން. އަހަރެން ޒިންމާ ނަގާނަން މި ބަލީގެ. މިއީ ޓީމެއް. ބަލިވިޔަސް، މޮޅުވިޔަސް މިތިބީ އެކުގައި،" ޕޮޓާ ބުންޏެވެ.

ޗެލްސީއަށް ދެން ލީގުގައި ކުޅެން އޮތީ ލިވަޕޫލާ ދެކޮޅަށެވެ. އެ މެޗަށްފަހު އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށްވެސް ޗެލްސީން ނުކުންނަން ޖެހޭނެއެވެ.