ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓްގައި މި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ޕާޓީން ވަކިވަނީ ވަޒީފާގެ ބޭނުމުގައި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމި ހިސާބުން އެ ޕާޓީގެ ސްލޮޓްތަކުގައި އެކި މަގާމުތައް ފުރުއްވާ ބައެއް ބޭފުޅުން ދަނީ ޖޭޕީން ވަކިވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ގާސިމް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިނުވުމުން، އެ ޕާޓީގެ ރިޔާސީ ޓިކެޓް ވަނީ ގާސިމަށް ލިބިވަޑައިގެންފައެވެ.

ގާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީ އާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކަމުގެ ހަގީގަތާ އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކީއްތޯ!؟" ގާސިމް ވިދާޅުވިއެވެ.

މިހާތަނަށް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމްގެ އިތުރުން އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ޖޭޕީން ވަކިވެވަޑައިގަތުމާމެދު މިނިސްޓަރު މައުސޫމް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.