(26 މާޗުގެ އަދަދާ ގުޅޭ)
ތިންވަނަކަމަކަށް ހައްދަވަންވީ އަރަހުށި މާތް اللّــــه އަށް އުރެދިވަޑައިނުގެންނެވުމެވެ. އުރެދުމުން ސަލާމަތްވެވަޑައިގަންނަވާން ޚާއްޞަގޮތެއްގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވުމެވެ.
އާދެ، ރޯދައިގެ މަޤްޞަދަކީ ތަޤްވާވެރިވެވަޑައިގެންނެވުމެވެ. ބަރަކާތްތެރި ރަމަޟާންމަހަކީ ތަޤްވާވެރިކަން ދިރުއްވައި އާލާކުރެއްވުމުގެ މައްސަރެވެ. ތަޤްވާގެ ބަހާރުމޫސުމެވެ. އެހެންކަމުން މިމަހަކީ މާތް اللّــــه އަށް އުރެދިވަޑައިގެންނެވުމާއި ނުކިޔަމަންތެރިވެވަޑައިގެންނެވުމުން އެއްކިބާވެވަޑައިގެން ސަލާމަތްވެވަޑައިގަންނަވާން ޚާއްޞަގޮތެއްގައި މަސައްކަތްކުރައްވާންވީ ދުވަސްވަރެކެވެ. މިދެންނެވީ ރަމަޟާންމަސް ނޫން އެހެން މަސްމަހުގެ ރޭތަކާއި ދުވަސްތަކުގައި މާތް اللّــــه އަށް އުރެދިވަޑައިގެންނެވުމުން ސަލާމަތްވެވަޑައިގަންނަވާން މަސައްކަތް ނުކުރައްވަންވީ ވާހަކައެއް ނޫނެވެ. މިދެންނެވި ވާހަކައިގެ މަޠުލަބަކީ ރަމަޟާންމަހާ ކީރިތި ޤުރްއާނާ ހުރި ޚާއްޞަ ގުޅުމުގެ ވާހަކައެވެ. اللّـــه سبحـــانــــه وتــعــــالــــى ގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންނެވުމަށްޓަކައި ހުސްއެކަނި ރަމަޟާންމަހުގެ ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމާއި ޝަހްވަތްތަކުން ދުރުވެވަޑައިގެން ހުންނެވުމުން ނުފުދޭ ވާހަކައެވެ. އިރުއޮއްސުމުން ޤިޔާމްކުރައްވައި މާތް اللّــــه ގެ ފޮތް އަޑުއައްސަވައިހެއްދެވުމުން އެމަހުގައި ޚާއްޞަ މާހޫލެއް އުފެދޭ ވާހަކައެވެ. ޚާއްޞަ ޙާލަތަކަށް ފެތެވޭ ވާހަކައެވެ. އެހެންކަމުން އެ މާހޫލާއި އެ ޙާލަތުގައި މާތް اللّــــه އަށް ބޯލަނބައި ކިޔަމަންވުމުން ފާފައިން ދުރުހެލިވެ ތަޤްވާވެރިކަވުމުގެ ޖަޒުބާތު އެހެނިހެން މަސްމަހަށްވުރެ ފުންވެފައި ވަރުގަދަވާ ވާހަކައެވެ. އަރަހުށި މާތް اللّــــه ރުހިވޮޑިނުގަންނަވާނެ ކޮންމެކަމަކުން ދުރުހެލިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ވާހަކައެވެ.
ޝައްކެއްނެތެވެ. ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކޮންމެކަމެއްގައިވެސް ގަދައަޅައި މަސައްކަތް ކުރާންޖެހެއެވެ. ހެޔޮލަފާ އުޅުމެއް އުޅުމުގައި އެހެނިހެން އިންސާނުންނާ ތިމާއާ ދެމެދު އޮންނަ ގުޅުމަށް ވަރަށްބޮޑަށް ފަރުވާތެރިވާންޖެހެއެވެ. ފަރުދީ ގުޅުންތަކެވެ. އިޖްތިމާޢީ ގުޅުންތަކެވެ. ތިރީގައި މިދަންނަވާކަހަލަ މީހަކުވާނީ ވަރަށްވެސް ނަސީބުދެރަ މީހަކު ކަމުގައެވެ. އާދެ، އޭނާ ނުހަނު ފަރުވާތެރިކަމާއެކު ރޯދަ ހިފައެވެ. ނަމާދުތަކަށް ރައްކައުތެރިވެއެވެ. ޞަދަޤާތްދެއެވެ. ކީރިތި ޤުރްއާން ކިޔަވައެވެ. އެކަމަކު އޭނާ ޤިޔާމަތްދުވަހު މާތް اللّــــه ގެ ޙަޟުރަތަށް ހާޒިރުވާންޖެހެނީ އެތައްބަޔެއްގެ ގިނަގުނަ ދަޢުވާތަކެއް ކޮނޑުއަޅައިގެންހުރެއެވެ. އެކެއްގެ ގައިގައި ތަޅައިގަތީއެވެ. އަނެކަކަށް އެއްޗެހި ގޮވީއެވެ. މީނާގެ ޢިއްޒަތާއި އަބުރަށް އަރައިގަތީއެވެ. އެހެރަދާ މީހާގެ ހިތުގައި ޖެއްސީއެވެ. މިހިރަ އަންނަމީހާގެ މުދާ ނުޙައްޤުން އަތުލައިގަނެގެން ކެއީއެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــى اللّــــه عـلـيــه وســلّـــم ޙަދީޘުކުރައްވައިފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންކުރެ ޙަޤީޤީ މާނައިގައި އިފުލާސްވެފައިވާ މީހަކީ އޭނާގެ ހުރިހާ ހެޔޮކަމެއް ދަޢުވާވެރީންނަށް ނަގައިދެވި ހުސްވާ މީހާއެވެ. އެހައިތަނުންވެސް ދަޢުވާވެރީންގެ ދަޢުވާތަކަށް ނިމުމެއް ނާންނާތީ ދަޢުވާވެރީންގެ ފާފަތައް ބޮލުގައިއެޅުވި ބޯވަތަށް ނަރަކަޔަށް އެއްލައިލެވޭ މީހާއެވެ." (މުސްލިމު، أبـــوهــــــريـــــرة رضـــى اللّـــه عــنـــــه)
މާތްވެގެންވާ قــــران الـكـــــريـــــم ގައި ރޯދަ ފަރުޟުކުރެއްވުމުގެ ވާހަކަ ބަޔާންކުރައްވައިފައިވާ ސިޔާޤަށް ވިސްނައިވަޑައިގަންނަވާށެވެ. އޭރުން ތިބާއަށްވެސް ރޯދަ ފަރުޟުކުރެއްވުމުގެ އަސާސީ މަޤްޞަދު ވިސްނިވަޑައިގަންނަވާނެއެވެ. އެންމެފުރަތަމަ ބަޔާންކުރައްވައިފައިވަނީ އިންސާނީ ފުރާނައިގެ ޙުރުމަތުގެ ވާހަކައެވެ. ޤިޞާޞުގެ ވާހަކައެވެ. އެއާވިދިގެން ވާރިސުންގެ މެދުގައި އިންސާފުން ވަޞިއްޔަތްކުރުމުގެ ވާހަކައެވެ. ރޯދައިގެ ވާހަކައާއި ރަމަޟާންމަހުގެ ވާހަކަ ގެންނަވައިފައިވަނީ އޭގެފަހަތަށެވެ. އެވާހަކަޔާ ވިދިގެން ހިދާޔަތު ދެއްވައިފައިވަނީ އެކަކުއަނެކެއްގެ މުދާ ބާޠިލުގޮތުގައި ކައިނުއުޅުމަށެވެ. ދެން ބަޔާންކުރައްވައިފައިވަނީ ދީނަށް ވަފާތެރިވުމާއި ހެޔޮކަމަކީ ބޭރުފުށުގެ ކަންތައްތަކެއް ގަވާއިދުން ކުރަމުން ގެންދިޔުމެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އަސްލު މަޠުލަބަކީ ނުވަތަ މަޤްޞަދަކީ ތަޤްވާކަމުގައެވެ. އީމާންކަމާއި އިންސާނީ ލޯތްބާއި ކެތްތެރިވުމާއި މިފަދަ އައިތަވެރި ޢަމަލުތަކުގެ ވާހަކައެވެ. ދެން އަމުރުކުރައްވައިފައިވަނީ މާތް اللّــــه ގެ މަގުގައި ޖިހާދުކުރުމަށެވެ. ހަމައެއާއެކު ބާރުއަޅުއްވައި އަންގަވައިފައިވަނީ ހައްދުފަހަނަޅައިދާ މީހުންދެކެ اللّــــه ރުހިވޮޑިގެން ނުވާކަމެވެ. އެހެންކަމުން ހަނގުރާމައިގައިވެސް ހައްދުފަހަނަޅައި ނުދިޔުމަށެވެ.
ޙުކުމްފުޅުތަކުގެ މި ގިލަފަތީގައި ރޯދަ ހިމަނުއްވައިފައިވާ ހިސާބުން އެނގެނީ ތިބާ ރޯދަ ހިއްޕެވުމަށްފަހު އެއްވެސްމީހެއްގެ ޖާނަކަށް މާލަކަށް އަބުރާއި ޢިއްޒަތަކަށް އަރައިވަޑައިގެން ނުވާނެކަމެވެ. އަނެކެއްގެ ޙައްޤަކަށް އަތްޕުޅު ބާނުއްވައިގެން ނުވާނެކަމެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم މިވާހަކަ ބަޔާންކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.
"ރޯދަޔަކީ ފާފައިން ރައްކައުތެރިވުމުގެ އައްޑަނައެއްފަދަ ކަމެކެވެ. އެހެންކަމުން ރޯދަޔަކީ އައްޑަނައެއްކަމުގައި ހަދާށެވެ. ރޯދަވެރިޔާ ހުތުރު ބަހަކުން ވާހަކައެއް ނުދައްކާނެއެވެ. އަޑުގަދަކޮށް ހަޅޭއްފަޅޭކެއް ނުލަވާނެއެވެ. މީހަކު އޭނާޔާ ދިމާޔަށް އެއްޗެހިގޮވައި އޭނާއާ އަރައިރުންވާން އުޅުނުކަމުގައިވިޔަސް އޭނާ ބުނާނީ "ތިމަން މިހިރީ ރޯދަޔަށޭ" މިހެންނެވެ. "ނުބައިކަންކަމުގައި މަޝްޣޫލުވުމަކީ ތިމަންނާއަށް ކުރެވޭނެކަމެއް ނޫނޭ" ބުނެފައި އޭނާ އެކަމުން ދުރުވެގެންފާނެއެވެ." (ބުޚާރީ، މުސްލިމު، أبـــوهــــــريـــــرة رضـــى اللّـــه عــنـــــه)
އިތުރު ސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ގެ އެހެން ޙަދީޘުފުޅެއްގައި ޞަރީޙުކޮށް ވިދާޅުވެފައިވެއެވެ.
"ރޯދައިގެ މަޤްޞަދަކީ ކެއިންބުއިން ދޫކޮށްލުމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ދޮގުވާހަކަ ދެއްކުމާއި ދޮގަށް ޢަމަލުކުރުން ހުއްޓައިލުމެވެ." (ބުޚާރީ: أبـــوهــــــريـــــرة رضـــى اللّـــه عــنـــــه)
ރަނގަޅަށް ހަނދުމަފުޅު ކުރައްވާށެވެ. ރޯދަޔަކީ ހުސްއެކަނި ބަނޑުފުޅުގެ ރޯދައެއް ނޫނެވެ. ލޯފުޅުގެވެސް ރޯދައެވެ. ކަންފަތްޕުޅުގެވެސް ރޯދައެވެ. ދޫފުޅުގެވެސް ރޯދައެވެ. އަތްފައިންޕުޅުގެވެސް ރޯދައެވެ. ރޯދަޔަކީ މާތް اللّــــه ރުހިވޮޑިގެންނުވާ އަދި އެކަލާނގެ މަނާކުރައްވައިފައިވާ ބެއްލެވުމެއް ލޯފުޅުން ނުބެއްލެވުމެވެ. ކަންފަތްޕުޅުން އެފަދަ އަޑެއް ނުއެއްސެވުމެވެ. އަތްފައިންޕުޅުން އެފަދަކަމެއް ނުކުރެއްވުމެވެ.
ތިބާޔަށް އާދަކުރެއްވިފައިވާ ނޭދެވޭ ހުރިހައިކަމެއް ދޫކޮށްލެއްވުމުން ވަރަށްގިނަ ކަންތައްތަކެއް ރަނގަޅުކޮށްލެއްވެވިދާނެއެވެ. މިސާލެއްގެގޮތުން މި ރަމަޟާންމަހު އެއްވެސް މީހަކާ ދިމާޔަށް ބާރަށް އަޑުނުލައްވަން ތިބާ ކަނޑައަޅުއްވާށެވެ. ތަޅައިފޮޅުއްވައި ނުއުޅުއްވުމަށް ޢަޒުމް ކަނޑައަޅުއްވާށެވެ. މީހަކާ ބެހޭގޮތުން ނުރަނގަޅު ވާހަކައެއް ނުދައްކަވާން ގަދައަޅުއްވާށެވެ. އެމީހެއްގެ ކުރިމަތީގައިވިޔަސް އެމީހަކު ނެތްތަނެއްގައިވިޔަސްވެހެވެ. އެމީހަކާމެދު ހެޔޮބަސްފުޅެއް ވިދާޅުވުން ފިޔަވައެވެ. އުރެދުންތަކަށް އަރައިވަޑައިގެންނެވުމުން ސަލާމަތްވެވަޑައިގަންނަވަން ކުރައްވާ އެންމެފުރަތަމަ ކަމަކީ ތިބާގެ ދޫފުޅު ރައްކައުތެރިކުރެއްވުންކަމުގައި ހައްދަވާށެވެ. ފަހަރެއްގައި މިއީ ތަންކޮޅެއް ދަތިފުޅު ކަމަކަށް ވެދާނެއެވެ. ނަމަވެސް އެކަން އާދަކުރައްވައިފިކަމުގައިވާނަމަ ހުރިހައިކަމެއް ރަނގަޅުވާން ފަށައިފާނެއެވެ. ކުރައްވާ ހެޔޮ ޢަމަލުތައް ބޭކާރުގޮތުގައި ގެއްލިގެންދިޔަ ނުދެއްވައި ރައްކައުތެރި ކުރެއްވިދާނެއެވެ. އޭގެސަބަބުން މަތިވެރި ފައިދާތަކެއް ލިބިވަޑައިގަންނަވާން ފަށައިފާނެއެވެ. ތިބާގެ ހެޔޮ ޢަމަލުފުޅުތަކުގެ ބައެއް ޤިޔާމަތްދުވަހުން އަނެކުންނަށް ނުދެއްވައި ފަރުޖެއްސެވިދާނެއެވެ. ރޯދަޔަށް ހުންނަވާ ދުވަހުގެރޭ ވިސްނައިވަޑައިގެން މިކަންކަމުގެ އަރަނި ދަރަނި ސާފުކުރައްވައި ހިސާބުކުރައްވާށެވެ. ކުޑައިކޮށްވެސް ފައިންޕުޅު ކައްސައިލެއްވިފައިވާނަމަ ތައުބާވެވަޑައިގެން އަސްތަޣުފާރު ކުރެއްވުން އަވަސްކުރައްވާށެވެ.
(ނުނިމޭ)
ރޯދަ 2023
ރޯދަ 2023
ރޯދަ 2023
ރޯދަ 2023