ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023 ޗެމްޕިއަންކަން ހުޅުމާލެ ވެޓެރަންސް އިން ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އިން ތަށި ދިފާއުކުރީ މިއަދު ޓާފް ދަނޑުގައި ކުޅުނު ފައިނަލްގައި 5-2 ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. މި އަހަރުގެ ޗެމްޕިއަންކަން ހުޅުމާލެ ވެޓެރަންސް އިން ހޯދީ މެޗަކުން ބަލިނުވެއެވެ.

މިއަދުގެ ފައިނަލުގެ 11 ވަނަ މިނެޓުގައި ހުސެން ޝިމާޒް (ކޮކީ) ހުޅުމާލެ ވެޓެރަންސްއަށް ލީޑު ނަގައިދީފައިވާ އިރު، އެ ގޯލަށް މާގިނައިރެއް ނުވެ، ދަ ގްރާންޑޭ އިން ލީޑު ނެގިއެވެ. އެ ގޯލަކީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ޖެހި ބޯޅައެއްގައި ހުޅުމާލެ ވެޓެރަންސްގެ ގޯލްކީޕަރު ހަސަން ރަމީޒު (ޓިމޯ) އަތުން ހެދުނު ގޯހަކުން ވަން ގޯލެކެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ހުޅުމާލެ ވެޓެރަންސް އިން ކުޅުން ރަނގަޅުކޮށް، މެޗުގެ ލީޑު ނެގުމަށް ނުރައްކާ ކޮށްފައިވާ އިރު، އެ ޓީމުން ވަނީ ހާފު ނިމެން މިނެޓެއްހާއިރު އޮއްވާ، މެޗުގެ ލީޑު އަލުން ނަގައިފައެވެ. އަހުމަދު ނާޒް (އާކޭ)ގެ ބޯޅައަކުން ހުޅުމާލެ ވެޓެރަންސްގެ ދެވަނަ ގޯލު ޖެހީ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ)އެވެ.

މަޖިއްޓެގެ ގޯލަކާއެކު ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށިގެންވެސް އޭނާގެ އިތުރު ގޯލަކާއެކު ހުޅުމާލެ ވެޓެރަންސް ލީޑު އިތުރަށް ފުޅާކުރިއެވެ. ދެ ގޯލުގެ ލީޑެއްގައި ހުޅުމާލޭ ވެޓްރަންސް ކުޅެމުން ދަނިކޮށް، ދަ ގްރާންޑޭއަށް ފަރަގު ކުޑަކޮށްދިނީ އަހުމަދު ޝަކީބެވެ.

މެޗުގެ ފަހުކޮޅު ހުޅުމާލެ ވެޓަރެންސް އިން އިތުރު ދެ ގޯލު ޖަހައި ޗެމްޕިއަންކަން ޔަގީންކުރި އެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން އަހުމަދު ނިޔާޒް ޖަހައިދިން އިރު، ފަހު ގޯލު ޖަހައި ދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑިފެންޑަރު އަހުމަދު ގޮތުރީސް (ގިތޫ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ދަ ގްރާންޑޭގެ އަހުމަދު ޝަކީބެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން އަހުމަދު ހޯދި އިރު، ފެއާ ޕްލޭ ޓީމަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސް ވެޓްރަންސްއެވެ.