ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް، މި ރަމަޟާން މަހު 13,000 އަށްވުރެ ގިނަ މީލް ޕެކް ބަހައިފިއެވެ.

އެ މީލް ޕެކްތައް ބަހާފައިވަނީ މާލެއާ ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރޯދަ ވީއްލުމަށްށެވެ. މިއީ މި ޕްރޮޖެކްޓް ހިންގާތާ ތިންވަނަ އަހަރެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ބުނީ، މި އަހަރު އާންމު ފަރާތްތަކުންނާއި އަމިއްލަ ވިޔަފާރިތަކުން 424,000 ރުފިޔާއަށްވުރެ ގިނަ ފައިސާ، މީލް ޕެކް ބެހުމަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

''މިކަމަށް ފައިސާ ހަދިޔާކުރާ އާންމު ފަރާތްތަކާއި ދިރާގާއި ދަ ސްޕޭސް ފަދަ ޕާޓްނަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އަދި މީލް ޕެކް ބެހުމުގައި ހަރަކާތްތެރިވާ ހީވާގި ވޮލަންޓިއަރުންނާ ނުލާ މިފަދަ ކަމެއް ނުކުރެވޭނެއެވެ.'' މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ބުންޏެވެ.

އެ ޖަމިއްޔާގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ހަރަކާތް ހިންގާ ފުޅާކުރުމެވެ.