ރޯދައިގެ އަޅުކަމުން ނަފުސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެ މަނިކުފާނު މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ ރޯދައިގެ އަޅުކަމުން ހާސިލުވި އެންމެ ބޮޑު އުފަލަކީ ހިތްތައް ތާހިރުވެ އަލުން ތަޒާވުން ކަމަށެވެ. އެހެންކަމުން ކުރިއަށް މިއޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންގެ ނަފުސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އީދު ފާހަގަކުރާއިރު އެންމެ ފުރަތަމަ ހަނދާނަށް ގެންނަން ޖެހޭނެ ފަރާތްތަކަކީ މުޖުތަމައުގައި ތިބި ފަގީރުންނާއި ނިކަމެތިން ކަމަށެވެ. އަދި އީދުގެ އުފާ ފާހަގަކުރުން ކަނޑައެޅިފައި އޮތީ، އެއްވެސް މީހަކު ބާކީ ނުކޮށް، އަދި އެއްވެސް ތަފާތުކުރުމެއް ނުބާއްވައި، އެންމެން ބައިވެރިވާ އިޖުތިމާއީ މުނާސަބަތެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ނަފުރަތާއި ހަސަދަވެރިކަމަށް ހިތުގައި ޖާގަ ނުދިނުމަށާއި ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނެ، އޭގެ ބަދަލުގައި އެކުވެރިކަމާއި އެއްބައިވަންތަންކަން އާލާކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެ މީހަކަށް ހިތް ހެޔޮކޮށް މައާފުކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުން މުހިންމު ކަމަށް ވިދާޅުވިއެވެ.