ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ރުހުންދީފިއެވެ.

އެ ނަންތައް ދިރާސާކުރުމުގެ ތެރެއިން އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓުގެ އިތުރުން ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު، ނެގި ވޯޓުން ޝިހާމްއާއި ސޮފާ، އެ ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު ބްރޯޑްކޮމަށް އައްޔަންކުރަން މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ފާސްކޮށް ކޮމިޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

މި ދެ ބޭފުޅުންގެ ނަންވެސް ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. ދެން އެ ދެބޭފުޅުންގެ ތެރެއިން ބްރޯޑްކޮމަށް އައްޔަންކުރާނެ މެންބަރެއްގެ ނަން ފާސްކުރާނީ މަޖިލިސް ތަޅުމުންނެވެ.

ބްރޯޑްކޮމްގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މި މަހުގެ 15ގެ ނިޔަލަށް ހަމަވާތީ، އެ މަގާމަށް މެންބަރަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވިއެވެ.

  • ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5143
  • ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • ސޮފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ