ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މި އަހަރުގެ ދެވަނަ ޑިވިޝަނަށްވެސް ނުކުންނާނީ ދެވަނަ ޑިވިޝަންގެ ތައްޓާއެކު ފުރަތަމަ ޑިވިޝަނަށް ދިއުމުގެ އަމާޒަށް ވާސިލުވާން ކަމަށް ކްލަބުގެ ޗެއާމަން އަހުމަދު ވާސިފް ވިދާޅުވެއްޖެއެވެ.
ނިއު އިން މިދިޔަ އަހަރު ރާއްޖޭގެ ފުޓުބޯޅައަށް އަލުން ނުކުތީ 2019 ވަނަ އަހަރުން ފެށިގެން ސަސްޕެންޝަނެއްގައި އޮތުމަށްފަހުއެވެ. މިލިއަނަކަށްވުރެ ގިނަ ފައިސާ އިން ދެރުމުގެ ސަބަބުން ނިއު ފުޓުބޯޅައިން ދުރުގައި ތިން ވަރަކަށް އަހަރު ވަންދެން އޮތީ ފީފާއާއި އެފްއޭއެމްގެ ސަސްޕެންޝަނެއްގައެވެ. ނިއުގެ މުސާރައިގެ މައްސަލަތައް ފީފާއާއި އެފްއޭއެމްއަށް ކުރީގެ ކުޅުންތެރިން ޖައްސާ، އެ މައްސަލަތައް ކާމިޔާބުވެސް ކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ފީފާ މެދުވެރިކޮށްވެސް ނިއުއަށް އޮތީ ކުޅުންތެރިންގެ މުސާރަތަކަށް ބޮޑު އަދަދެއް ނިންމަންޖެހިފައެވެ.
އެ ހާލަތުގައި ކްލަބު އޮއްވައި މިހާރުގެ ބޯޑުން މިދިޔަ އަހަރު ނިއު ސަސްޕެންޝަނުން ސަލާމަތް ކުރުމަށް ނުކުމެ، ފީފާއަށް ދައްކަން ޖެހިފައި އޮތް ފައިސާތައް ދައްކާ، ފައިސާ ދޭން ޖެހިފައި އޮތް ދިވެހި ކުޅުންތެރިންނާއެކު ފައިސާ ދައްކާ ހަލާސްކުރާނެ ކަމަށް އެއްބަސްވެސް ސެޓަލްމަންޓް އެގްރީމަންޓްތަކެއް ހެދިއެވެ. އެކަމަށް އެފްއޭއެމްވެސް އެއްބަސްވެ، ނިއު މިދިޔަ އަހަރު ދެވަނަ ޑިވިޝަނަށް ނުކުތީ އާ އުންމީދެއްގައެވެ. އޭރުވެސް ކްލަބުގެ ދަރަނިތައް ހަލާސްކުރާނެ ކަމަށް ޗެއާމަން ވާސިފް ވިދާޅުވެފައިވާ އިރު، މި އަހަރުގެ ސީޒަނަށްވެސް ނިއުއަށް އަދިވެސް އޮތީ ދަރަނީގެ ޗެލެންޖެކެވެ.
ނިއުގެ މިހާރުގެ ބޯޑާއި ކުރިން އެ ކްލަބަށް ކުޅުނު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބައްދަލުކޮށްފައިވާ ފޮޓޯއެއް މީގެ ދެތިން ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ. އެ ފޮޓޯއިން ފެންނަނީ ދަގަނޑޭ ނިއުއާ ގުޅުމަށް އެއްބަސްވުމަކަށް ދާން މަޝްވަރާކުރާ މަންޒަރު ކަމަށް ސޯޝަލް މީޑިއާގައި ބައެއް އަޑުތައް ފެތުރުނު ނަމަވެސް، ނިއުގެ ޗެއާމަން ވާސިފް "ވަން" އަށް ވިދާޅުވީ، ދަގަނޑޭއާ ބައްދަލުކުރީ ދޭންޖެހޭ ފައިސާއަށް ހައްލެއް ހޯދުމަށް ކަމަށެވެ.
އެގޮތުން ދަގަނޑޭއަކީ ނިއު އިން އެންމެ ބޮޑު އަދަދަކަށް ފައިސާ ދޭންޖެހިފައި އޮތް ކުޅުންތެރިޔާއަށް ވުމުން، ދަރަނި ދައްކަން ދަގަނޑޭ އާއެކު އިތުރު އެއްބަސްވުމަކަށް ދާން ވިސްނާފައިވާ ކަމަށްވެސް ވާސިފް ވިދާޅުވިއެވެ.
"ދަގަނޑޭއާ ބައްދަލުކުރީ އޭނާއަށް ނިއު އިން ދޭން ޖެހިފައި އޮތް އެއް މިލިއަނެއްހާ ރުފިޔާގެ ތެރެއިން ބާކީ ނުދެވި އޮތް ފައިސާއަށް އިތުރު ގޮތެއް ހޯދުމަށް އެއްބަސްވުމަކަށް ދާން. މިހާރު ދަގަނޑޭއަށް ވަކި ބައެއްގެ ދަރަނި ދައްކާފައި އަންނަ އަހަރުވެސް އިތުރަށް ފައިސާ ދެމުން ގެންދާ ގޮތަށް އެއްބަސްވުމަކަށް ގޮސް، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ. އެކަމުގައި ދަގަނޑޭގެ ފަރާތުން އަބަދުވެސް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ވާސިފް ބުންޏެވެ.
ދަގަނޑޭ ވަނީ ނިއު އިން އޭނާއަށް ދޭން ޖެހިފައިވާ ފައިސާގެ ބޮޑު ބައެއް އެ ކްލަބަށް މައާފުކޮށްދީފައެވެ. އޭގެ އިތުރުން އެހެން ބައެއް ކުޅުންތެރިންވެސް ސެޓަލްމަންޓް އެގްރީމަންޓްގައި ސޮއިކުރީ ދޭންޖެހޭ ފައިސާ އިން ބައެއް މައާފުކޮށްދީފައެވެ. އެއީ މިދިޔަ ސީޒަނަށް ނިއު އިން އަލުން ފުޓުބޯޅައަށް ނުކުންނަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އަދިވެސް އިތުރު ބައެއް ކުރީގެ ކުޅުންތެރިންނާއި ނިއުއިން ދޭންޖެހޭ ފައިސާ ނުދެވި އެބަ އޮތެވެ.
ވާސިފް ވިދާޅުވީ ނިއުއިން ސީޒަނަށް ތައްޔާރުވާން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރީގެ މެނޭޖްމަންޓްގެ ދަރަނިތައް އަދާކުރަންވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވުމުންދާ ކަމަށެވެ.
"ދަގަނޑޭއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއެކު ބާކީ ދެން ފައިސާ ދޭންޖެހޭ ހަތް ކުޅުންތެރިއަކަށް ދޭން އޮތީ ޖުމުލަ 348،000 (ތިން ލައްކަ ސާޅީސް އަށްހާސް ރުފިޔާ). އެ ފައިސާ ދިނީމަ ކްލަބަށް މިއަހަރުގެ ސީޒަނަށް ނުކުމެވޭނެ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ސީޒަނަށް ނުކުންނާނީ އެ ދަރަނި ހަލާސްކޮށްފައި. ހަތް މިލިއަން ދަރަނި އޮތް ކްލަބެއް ސަލާމަތް ކުރުމަށް ނުކުތީ މިއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން. މާގިނަ ފައިސާތަކެއް ހުރެގެން ނޫން. އެކަމަކު އުއްމީދަކީ ސަޕޯޓަރުން އުފާކުރާ ވަރުގެ ޓީމެއް މިއަހަރު ނެރެ ކާމިޔާބު ކުރުން." ވާސިފް ވިދާޅުވިއެވެ.
ނިއުއަށް މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ފުރުސަތު ގެއްލުނީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެ ކެޓުމުންނެވެ. ޗެއާމަން ވާސިފް ވިދާޅުވީ ނިއު އިން ސީޒަނަށް ތައްޔާރުވާން ޕްލޭނަކާއެކު ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި ސީޒަނަށް ނުކުންނާނީ އެފްއޭ ކަޕް ކާމިޔާބުކުރުމަށް އަމާޒުކޮށް، ފުރަތަމަ ޑިވިޝަނަށްވެސް ދާން ތައްޔާރުވެގެން ކަމަށެވެ.
"މި ވަގުތުވެސް ރަނގަޅު ސްކޮޑަކަށް ބުރަކޮށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ނިއުއިން ނުކުންނާނީ ރަނގަޅު ޓީމަކާއެކު. ރަނގަޅު ކުޅުންތެރިންވެސް ޓީމާ ގުޅިއްޖެ މިހާރުވެސް. ނިއު އިން ޓީމުގެ ދަރަނީގެ ކަންތަކާއި ކުރިއަށްދާން އޮތް ގޮތަށް ކުރާ ޕްލޭން މާބޮޑަކަށް މިވަގުތު ހާމަކުރެވޭކަށް ނެތް. ނަމަވެސް ޔަގީނުންވެސް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ،" ވާސިފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ނިއު އިން ރޯދަ މަހަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ އެކަޑެމީތަކެއް އިފުތިތާހު ކުރަން ތައްޔާރުވަމުންދާ ކަމަށާއި އެއީ ފައިސާ ހޯދޭނެ ގޮތްތަކެއް ހޯދަން ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި އޭގެ އިތުރުން މެމްބާޝިޕް ކާޑު ތައާރަފުކޮށް، ދަރަނި ހަލާސްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ނިއުގެ މުސާރައިގެ މައްސަލައިގައި ކުރިން ކްލަބަށް ކުޅުނު ކުޅުންތެރިންގެ މާޔޫސްކަން މިހާރު އަނެއްކާވެސް ވަނީ ބޮޑުވެފައެވެ. ވާސިފް އަބަދުވެސް ވިދާޅުވަނީ ނިއުގެ ކުރީގެ މެނޭޖުމަންޓްގެ ދަރަނި ދެއްކެން އޮތީ ފައިސާ އެ ކްލަބަށް ހޯދޭނެ މަގުތައް އިތުރުވެގެން ކަމަށާއި ސްޕޮންސާޝިޕާއި އެހެނިހެން އެހީތެރިކަމާ އެކު އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު