އެޕަލްގެ އައިފޯނު ނެރުމުގެ ރަސްމިއްޔާތަކީ މުޅި ދުނިޔެ އިންތިޒާރު ކުރާ ހަފުލާއެކެވެ. އެހެން ނަމަވެސް އޭގެ ކުރިން ބާއްވާ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސަކީ އެޕަލްއާ ގުޅިގެން އެކިއެކި އުފެއްދުންތައް އުފައްދާ ފަރާތްތަކުން މާ ބޮޑަށް އުއްމީދު ކުރާ ދުވަހެކެވެ. މި އަހަރުގެ މި ބައްދަލުވުން އަންނަ ޖޫން މަހު ބާއްވާނެ ކަން އެޕަލް އިން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.
ކޮންމެ އަހަރެއްގެ މެދުތެރޭގައި ގަވާއިދުން ބާއްވަމުން އަންނަ މި އިވެންޓުގައި މިކްސް ރިއަލިޓީ ހެޑްސެޓް ދައްކާލާނެކަން ގިނަބަޔަކަށް މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ. މި ކަން ވެގެންދާނީ އާދަޔާ ހިލާފު އިއުލާނެއް ކަމަށްވެސް ގިނަ ބަޔަކު ދެކެވެ. ސެމްސަން އަދި ފޭސްބުކުންވެސް ވީއާރު ހެޑްސެޓްތައް ވިއްކަމުން އަންނައިރު އެޕަލްގެ ވީއާރު ހެޑްސެޓް ނުވަތަ މިކްސް ރިއަލިޓީ ވީއާރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ހެޑްސެޓެކެވެ. މި ހެޑްސެޓަކީ އެ ކުންފުނިން އުފައްދާ އާ އީޖާދެއް ކަމަށް އަޑުތައް ފެތުރިފައިވާތާ އަހަރުތަކެއް ވެސް ވަނީ ވެފައެވެ.
އެހެން ނަމަވެސް އެޕަލް އަކީ ވަރަށް އެތެރެ ނުފެންނަ ކުންފުންޏެކެވެ. އެޕަލްއިން އެފަދަ އުފެއްދުމެއް ތައާރަފުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދިވެސް ރަސްމީކޮށް ނުދޭއިރު އެ އުފެއްދުން ނެރޭނެ ތާރީހާ މެދު އަދިވެސް އެ ކުންފުނީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އައިފޯން، އައިޕެޑް، މެކް އަދި އެހެނިހެން އޮޕަރޭޓިން ސިސްޓަމްތަކުގައިވާ އާ ކުރިއެރުންތަކެއް ދައްކާލާނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. އެޕަލްގެ ޑަބްލިޔުޑަބްލިޔުޑީސީގައި އަބަދުވެސް އެޕަލްގެ އުފެއްދުންތަކުގައި ހިންގާ އޮޕަރޭޓިން ސިސްޓަމަކަށް ބޮޑު ބަދަލެއް ގެނެސް ފަހުގެ އަޕްޑޭޓްތައް ދައްކާލައެވެ. ކޮވިޑް-19 އަށް ފަހު އެޕަލްއިން މި އިވެންޓް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ. އެހެން ނަމަވެސް މިފަހަރު އެކަންވެސް ތަފާތެވެ. އެޕަލް ޕާކް ކެމްޕަހުގައި "ހާއްސަ ތަޖުރިބާއެއް" ނުވަތަ އާ އުފެއްދުމެއް އަޖުމަ ބަލައިލަން ލިބޭނެ ކަމަށް ބުނެ، ޑިވެލޮޕަރުންނަށް މި ހަފުލާއަށް ދިއުމުގެ ފުރުސަތު ލިބޭތީ މި ފަހަރު ހާއްސަކަމެއް ހިންގާނެ ކަން ވަނީ ޔަގީން ކުރެވިފައެވެ. މި ކޮންފަރެންސް އޮންނާނީ ޖޫން 5 އިން ޖޫން 9 އަށެވެ.
ކީނޯޓް ޕްރެޒެންޓޭޝަންތަކުގެ އިތުރުން އޮންލައިން ޕްރޮގްރާމްތަކާއި އެކިއެކި ތަމްރީން ސެޝަންތަކާއި ތަހުލީލުތައް ކުރެވޭ ލެބްތަކާއި އެޕަލްގެ އިންޖިނިއަރުންނާއި އަދި ޕްރޮގުރާމްތައް ލިޔާ އެހެނިހެން ޑިވެލޮޕަރުންނާ ވާހަކަ ދެއްކުމުގެ ފުރުސަތުތައް ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މި ހުރިހާ އިވެންޓެއްގައި ވެސް ޕްރޮގުރާމް ލިޔެދޭ ޑިވެލޮޕަރުންނަށް ހިލޭ ބައިވެރި ވެވޭނެއެވެ. "ޑަބްލިޔުޑަބްލިޔުޑީސީ އަކީ އެޕަލް ކުންފުނީގެ އުފެއްދުން ތަކަށް ޝައުގުވެރިވާ އަދި އެޕަލް އައިފޯނުގެ އެޕްލިކޭޝަންތައް އުފައްދާ އެންމެންވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ދުވަސް ކަމުގައި ވާތީ، މިއީ މި އެޕަލްގެ އުފެއްދުންތެރިންގެ ކޮމިއުނިޓީ އަށް ވަރަށް ހާއްސަ އިވެންޓެކެވެ.
މިއީ އާދަޔާ ހިލާފު މޮޅު، ހުނަރުވެރި ޑިވެލޮޕަރުންނާ ބައްދަލުވެ ޝަޚުސީ ގޮތުން ވެސް ގުޅުމުގެ ފުރުސަތެއް،" ހޯދައިދެވޭ ދުވަހެއް ކަމަށް އެޕަލްގެ ޑިވެލޮޕަރުންގެ ނައިބު ރައީސް ސޫޒަން ޕްރެސްކޮޓް މިކަން އިއުލާން ކުރައްވަމުން ވަނީ ފާހަގަ ކުރައްވައިފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ