އަހަރު ދުވަހުގެ ތެރޭގައި، ދަރަންޏަށް 150 އާއި 300 މިލިއަން ޑޮލަރު ދެއްކޭވަރުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޓް މެނޭޖްމަންޓް އެކްސްޕާޓް އަބްދުﷲ ހަސަން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާން އަދި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޭޝްފްލޯ ޕްލޭންއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކަށް މިހާރު ދައްކަން ޖެހެނީ ވެސް އަހަރަކު 150 އާއި 300 މިލިއަން ޑޮލަރު ކަމަށާއި، އެއަކަށް ދަރަނި ދެއްކުމުގައި ރައްޖެއަށް ދަތިތަކެެއް ނެތް ކަމަށެވެ.

ނަމަވެސް، އަންނަ އަހަރަށް ފަހު ބޮޑެތި އަދަދުތަކުން ރާއްޖޭން ދަރަނި ދައްކަން ޖެހޭނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، 2025 ވަނަ އަހަރާއި 2026 ވަަނަ އަހަރު އެއްފަހަރާ 100، 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަށްޓަކައި ތައްޔާރުވާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ އިތުރަށް ވިދާޅުވި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ގޮސް، ލިކިއުޑިޓީ މެނޭޖްމަންޓް ހަރަކާތެއްގެ ތެރެއިން އެ ދަރަނި މެނޭޖް ކުރުމުގެ ތަޖުރިބާ އާއި ގާބިލުކަން ފިނޭންސް މިނިސްޓްރީގައި އެބަހުރި ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއިން ދައްކަން ޖެހުނު 250 މިލިއަން ޑޮލަރުގެ ސަނީސައިޑް ބޮންޑް މެނޭޖު ކުރީ އެގޮތަށް ދުރާލައި މާލީ ބާޒާރަށް ގޮސްގެން، ފިނޭންސްގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ހުއްޓުމުގެ ސަަބަބުން 2022ގައި ފައިސާ ދައްކަންވެފައި އޮތް، ސަނީސައިޑް ބޮންޑަށް އަނބުރާ ދައްކަން ޖެހޭ އަދަދު ނުވަތަ ޔީލްޑް %26 އަށް މަތިވެގެން ދިއުމުގެ ސަބަބުން ރާއްޖެއަށް ލޯނެއް ވެސް ލިބެން އޮތީ %26ގެ އިންޓަރެސްޓްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ދަނޑިވަޅުގައި ޖެހުނީ އެއް އަހަރުގެ ތެރޭގައި ބޮންޑަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކަމަށާއި، ދަތި ހާލަތުގައިވެސް ފިނޭންސް މިނިސްޓްރީން ބާޒާރާ ރަށްޓެހި ގޮތަކަށް މެނޭޖުކޮށް، ރާއްޖޭގެ ބޮންޑުގެ އިންޓަރެސްޓް %10.5 އަށް ތިރިކުރި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ދަރަނީގެ ގޮތުގައި އިތުރަށް ދައްކަން ޖެހުނީ ހަތް މިލިއަން ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ، މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރީފައިނޭންސް ރިސްކް ކަމަށާއި ނަމަވެސް، އެ ރިސްކް ނެގުމުގެ ގާބިލުކަން ފިނޭންސްގައި އެބަހުރި ކަމަށެވެ. އެކަމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ރީސްޓްރަކްޗާ ނުކޮށް ބާޒާރާ ރަށްޓެހި ގޮތަކަށް މެނޭޖް ކުރެވޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.