މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެވޭނީ، މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރާ ހާލަތެއްގައި އެ ހުކުމުގައި ހިމަނައިގެން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެގޮތަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މައްސަލައާ ގުޅިގެން އެކަމުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އިސްތިއުނާފީ އަޑު އެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒެވެ.

ޝިޔާޒު ވިދާޅުވީ، 53 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާ ހިލާފު އަމުރެއް ކަމަށެވެ. އެކަން ސާބިތުކުރުމަށް އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން ހޯދަން އެދެވޭނީ ކޮން ކޯޓު އަމުރުތަކެއް ކަމަށާއި އެފަދަ ކޯޓު އަމުރުތަކަށް އެދި ހުށަހަޅާނެ ފޯމާއި އެ އަމުރު ނެރުމަށްޓަކައި ކޯޓުން ބޭނުންކުރަންވާނެ ފޯމެޓްވެސް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދެއްކުމަށް އެދި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ނެރެފައިވާ އަމުރަކީ އެ ޖަދުވަލުތަކުގައި އޮތް އެއްވެސް ނަމޫނާއަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ކަނޑައަޅާފައި އޮތް ނަމޫނާތަކުގައި ހިމެނޭ ކޯޓު އަމުރެއް ނަމަ އެ އަމުރެއް ނެރެވޭނީ، އެ މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކާ ހަވާލުވެގެން ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ އަމުރުގައި ރައީސް ޔާމީނަށް ކުރި ހުކުމަށް ހަވާލާދީފައިނުވާ ކަމަށާއި އޭގައި ހަވާލާދީފައިވަނީ މުޅިން މުސްތަގިއްލު ގާނޫނީ މާއްދާއަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް އަމުރެއް ނެރެންވާނެ ކަމަށް ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެެސް އެ އަމުރަށް އެދެންވީ ފޯމާއި ފޯމެޓް ބަޔާންކޮށްފައި ނެތުމުން، އެގޮތަށް އެފަދަ އަމުރަކީ ހުކުމްކުރާއިރު ހުކުމުގައި ހިމެނިގެން ނެރެންޖެހޭ އަމުރެއްކަން ސާފުވޭ، އެހެން ނޫންނަމަ ޖަދުވަލެއްގެ ގޮތުގި އެކަން ބަޔާންކޮށްފައިވާނެ،"

އެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ، އާރަށު މައްސަލައިގެ ހުކުމް އިއްވައި އެ މައްސަލައިގެ ރިޕޯޓާއި މައްސަލައިގެ ހުރިހާ ލިޔުންތަކާއި ބަޔާންތައްވެސް ކްރިމިނަލް ކޯޓުން އެ ފަރާތަށް ދޫކުރުމުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކަމަށާއި އެހެންކަމުން އެ އަމުރަކީ އެ ގަޒިއްޔާގައި ހިމެނިގެން ނަމަވެސް އެ ރިޕޯޓުގައިވެސް ނުހިމެނޭ އަމުރެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާޒު ވިދާޅުވީ، އެ އަމުރަކީ އެ މައްސަލައިގައި ހިމެނޭ އަމުރެއް ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ އަމުރަކީ އެ މައްސަލައިގައި ހިމެނޭ އަމުރެއް ނަމަ، ރިޕޯޓުގައި ހިމެނެން ޖެހޭނެ ކަމަށެވެ. އަދި ފަހުންވެސް އެ މައްސަލައިގެ ރިޕޯޓަށްވެސް މައްސަލައިގެ ހުކުމަށްވެސް އުނި އިތުރެއް ގެނައުމަށް ކްރިމިނަލް ކޯޓުން އެދިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަންތައްތަކަށް ބެލި ނަމަވެސް އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫގައި ބަޔާންކޮށްފައިވާ މާއްދާތަކާއި އެ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަންތައްތަަކަށް ބަލައި ޝިޔާޒު ވަނީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ނެފައިވާ އަމުރެއް ކަމަށާއި އެއީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްވެސް ޖިނާއީ ކުށަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންވިޔަސް އަދި މަލީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންވިޔަސް، މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެވޭނީ، ޖިނާއީ އިޖުރާއަތުގެ ދަށުން މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކުރާ ހާލަތެއްގައި އެ ހުކުމުގައި އެ އަމުރު ހިމަނައިގެން ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

މި މައްސަލާގައިގެ އިސްތިއުނާފާ މެދު ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، 53 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި އެ އަމުރު ތަންފީޒުނުކޮށްގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަަމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ އެ އަމުރަކީ ސައްހަ އަމުރެއް ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ސަބަބުތައްވެސް ހުށަހަޅައިފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތަރުތީބަށް ބަލާއިރު، ހުކުމާއެކުވެސް އަދި ހުކުމަށްފަހުވެސް އެފަދަ އަމުރެއް ނެރުމަށް ހުރަހެއް ނެތް ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ، މި މައްސަލައިގެ ދިފާއުގައި ދައުލަތުން ހުށަހެޅި ހުށަހެޅުންތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދެން އޮންނަ އަޑުއެހުމެއްގައި ރައީސް ޔާމީނަށް ދެއްވުމަށް ނިމުމަށްފަހުގައެވެ.

ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކުރިއަށް ގެންދާ މި މައްސަލައިގައި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.