އިދިކޮޅު ޕީޕީއެމް/ޕީއެންސީން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ ތުހުމަތުގައި އަންހެނަކު ހިމެނޭ ގޮތަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން ހަތަރު މީހަކު ހައްޔަރުކުރީ މި މަހުގެ 20ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ފަސްވަނަ މީހަކު ހައްޔަރުކުރީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ފަސް މީހުންގެ ތެރެއިން އަންހެން މީހާއާއި ފިރިހެނެއްގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ބާކީ ތިބި ތިން މީހުންގެ ތެރެއިން 54 އަހަރުގެ މީހާ ފިޔަވައި ދެން ތިބި ދެ ފިރިހެނުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އުމުރުން 54 އަަހަރުގެ މީހާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.
ފުލުހުންގެ މީޑިއާ އިން "ވަން" އަށް މިއަދު ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ 39 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.
އެ ދެ މީހުން ދޫކޮށްލާފައިވަނީ އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އެ ދެ މީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހުގައެވެ.
އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މި މަހުގެ 26ވަނަ ދުވަހު ކުރި އަމުރުގައި ބުނެފައިވަނީ، ހާދިސާ ހިނގި ގޮތުގެ ފުޓޭޖާއި ދިފާއުން ހުށަހަޅާފައިވާ ފުޓޭޖުން ހާދިސާ ހިނގި ގޮތް ފެންނަ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނަ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން މި ދެ މީހުން ޝަރުތުކުރުމަށްފަހު ދޫކުރަން ނިންމައިފިނަމަ މުޖުތަމައުއަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށް ފެންނާތީ އެ ދެ މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު