ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ފްރޮޖެކްޓު ސައިޓުގައި މިވަގުތު ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތްވެސް ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިލަންދޫ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 79.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު 600 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެ މަޝްރޫއުގެ ދަށުން 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހައި ސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.