Close
ޚަބަރު

އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ މަޝްރޫއު ފެށުމަށްޓަކައި ގަވާއިދުތައް މިދަނީ ބަދަލުކުރަމުން: ފައްޔާޒު

އިބްރާހިމް ޒަކީ

2

އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ހަދަން ނިންމާފައިވާ ޕޯޓް ސިޓީގެ މަޝްރޫއު ފެށުމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ހިދުމަތްތަކުގެ ޕްރޮސެސް އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެހެން ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިދުމަތްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާބެހޭ މައުލޫމާތު ލިޔުމުން ހޯދުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިފައިވާތީ، އެއަށް ޖަވާބު ދެއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، އާގުބޯޓުފަހަރަށް ހިދުމަތްދިނުމަަށް ކުރަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް އެ ސަރަހައްދުގައި އެންމެ ފުރަތަމަ ހިދުމަތްތައް ފަށައިގަންނައިރު ކްރޫ ޗޭންޖާއި ޝިޕް ސަޕްލައިސް އަދި ބަންކަރިންއަށް އަމާޒުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހިދުމަތްތައް ފަށައިގަތުމަށް މިހާރު އަމަލުކުރަމުންދާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، އެ ގަވާއިދުތައް އިސްލާހު ކުރުމުގެ ބޮޑުބައި ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން އެސްޓީއޯ އިން ބަންކަރިންގެ ހިދުމަތްތައް ފެށުމަށްޓަކައި ބައިނަލްއަގުވާމީ ތެޔޮ ކުންފުނިތަކާ މަޝްވަރާކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ ހިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަން، ކަސްޓަމްސް، އަދި އެހެނިގެން ރެގިއުލޭޓަރީ މުއައްސަސާތަކުގެ ހިދުމަތްތައް ގާއިމުވެފައިވާ، އައިއެސްޕީއެސް މިންގަނޑުތަކަށް ފެތޭ ފެސިލިޓީއެއް އިހަވަންދިއްޕޮޅުގައި ގާއިމުކުރަންޖެހޭ، މި ފެސިލިޓީ ގާއިމުކުރާ ލޮކޭޝަނަކީ ބަނދަރުގެ ޖާގައާއި ބަނދަރަށް ވަދެ ނުކުތުމުގައި ފަސޭހަކަމާއި ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ބަނދަރަށް ނިވައި ލިބޭ މިންވަރު ފަދަ ކަންކަމަށް ރިއާޔަތްކޮށް އެކަމަށް އެކަށޭނަ ލޮކޭޝަނަކަށް ވާންޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ ކަންކަން އިންތިޒާމުވެ ތަރުތީބު ވެގެން އަންނައިރު، ކަމާބެހޭ ހިދުމަތްތަކަކީ ޕޯޓް ސިޓީގެ މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ހިދުމަތްތަކަކަށް ވެގެންދާނެ ކަމަށެވެ.

"އެހެންކަމުން މި ސަރަހައްދުގެ އެހެން ރަށެއްގައި ޓްރާންސިޝަން އެރޭންޖްމަންޓްގެ ގޮތުގައި އިންވެސްޓްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ޕޯޓް ސީޓީގެ މަޝްރޫއު ފަށައިގަތުމަށް ބޭނުންވާނެ ބިން ހިއްކުމަށް އަވަހަށް ފަށައި އިހަވަންދިއްޕޮޅުގެ ސްޓްރީޓިޖިކް ލޮކޭޝަންގެ އެޑްވާންޓޭޖުގެ ތެރެއިން ދެވެން ފެށޭނެ ހިދުމަތްތައް ޕޯޓް ސިޓީގެ މަޝްރޫއުގެ ތެރެއިން ދެމެހެއްޓެނިވި އަދި ކޯސްޓް އިފެކްޓިވް ގޮތެއްގައި ދިނުމަށް ވީހާވެސް އަވަހަށް ފެށުން،" ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟