Close
ރޯދަ 2023

ކުރުވާހަކަ: އިންސާފު

ޖަޒްލާ މުހައްމަދު މޫސާ

ބާރަ ފަންގިފިލައަށް ވާގޮތަށް ބިނާކޮށްފައި ހުރި ފެންވަރު ރަނގަޅު އިމާރާތެކެވެ. އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލި ކާރުން ފޭބި ޒުވާނާ ފެނުމާއެކު، ދޮރޯށި ކައިރީ ހުރި މީހާގެ ކަޅި އޭނާއަށް އަމާޒުވިއެވެ. ފޮށި ހިފައިގެން ދޮރޯއްޓާ ހަމައަށް ދާއިރަށް އެތަނުގައި ހުރި މީހާ ސަލާން ގޮވާލަމުން އަމިއްލައަށް ތައާރަފުވެލިއެވެ. އެއީ އެތަނުގެ ދޮރުވާނު މާކް އެވެ. ކާރުން ފޭބި ޒުވާނާ ވެސް އަމިއްލައަށް ތައާރަފު ވިއެވެ.

މާކްގެ ފަހަތުން އެލީނާ ހިނގައިގަތީ އެޕާޓްމަންޓަށް ދާށެވެ. އެތަނުގެ މުވައްޒަފަކު ފޮށި ގެންގޮސްދޭނެ ކަމަށް ބުނުމުން އެލީނާ ފޮށި ބެހެއްޓިއެވެ. އެޕާޓްމެންޓާ ހަމައަށް މާކާއި އެލީނާއަށް ދެވުނު އިރު، ފޮށި ހިފައިގެން އައި މީހާ ވެސް އެ ހިސާބަށް އަރައިފިއެވެ. އިމާރާތާ ބެހޭގޮތުން އެލީނާ އޮޅުންފިލުވަން ބޭނުންވި ހުރިހާ މައުލޫމާތެއް މާކްގެ ފަރާތުން ލިބުނެވެ. ލިބުނު އެހީތެރިކަމަށް އެލީނާ ޝުކުރު އަދާކުރިއެވެ.

ދަތުރު ވަރުބަލިފިލުވައިލުމަށް ޖައްސާލިތަނުން އެލީނާއަށް ނިދުނީއެވެ. ވަގުތުތައް ފާއިތުވަމުންދިޔަ ގޮތަށް އޭނާއަކަށް ނޭނގެއެވެ.

މެންދުރެއް ހާއިރެވެ. އެލީނާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ފޯނު ބަލައިލިއިރު ގުޅަނީ އޭނާގެ މަންމައެވެ. ނަން ފެނުމާއެކު ވެސް އެލީނާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

މަންމައާ ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެލީނާ ނުކުތީ ފިހާރައަށް ދާށެވެ. ކެއިން ބުއިމަށް ބޭނުންވާ ބައެއް ސަމާނު މިހާރުން މިހާރަށް ވެސް ގަންނަން ޖެހޭތީއެވެ.

މެންދުރަށް ކެއްކުމާއިގެން އުޅެމުންދިޔަ އެލީނާ ސިއްސައިގެން ދިޔައީ އެޕާޓްމެންޓްގެ ބެލް ޖަހާލި އަޑަށެވެ. އެއީ ކާކުބާއެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ކޮންމެވެސް ވަރަކަށް ހައިރާން ވެސް ވިއެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރާއެކު އެލީނާ ދިޔައީ ސިއްސައިގެންނެވެ. ދޮރުކައިރީ ހުރީ އޭނާގެ ދޮންބެ ރާހުލްއެވެ. ފިނިފެންމަލުގެ ގުލްދަސްތާއެއް ހިފައިގެން ހުރި ރާހުލް ފެނުމުން އެލީނާ ވަރަށް އުފާވިއެވެ. މިފަދަ ވަގުތެއްގައި ރާހުލްއާ ދިމާވުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

މެންދުރުގެ ކެއުން ނިންމާލީ އެލީނާ އާއި ރާހުލް އެކުގައެވެ.

މެންދުރުގެ ގަދަ ހޫނުގެ މައްޗަށް ހަވީރުގެ ތެތްފިނިކަން ވެރިވަމުން ދިޔައެވެ. އެލީނާ އާއި ރާހުލް ތިބީ އެލީނާ އުޅޭ އެޕާޓްމެންޓްގެ ބެލްކަނީގައެވެ. ތާޒާ ވައި ޖައްސާލައި ގުދުރަތުގެ ރީތިކަމާއި ފުރިހަމަކަން ދެކިލުމަށް ނުކުމެ އުޅެލާވަރުގެ ހެޔޮވަރުގެ ޖާގައެއް އެތަނުގައި އޮތެވެ. ކޮފީއަށް އިންސާފު ކުރަމުން ދިޔައިރު އެ ދެމެދުގައި އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ.

އެލީނާ އެކަނިމާއެކަނި ކުއްލިއަކަށް ފުރައިގެން އައުމުން ރާހުލް ހައިރާންވިއެވެ. އެތައް ސުވާލެއް އުފެދުނެވެ. ރާހުލް ކައިރީ ހުންނާނަކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ހިތުގައި އުފެދެމުންދިޔަ ސުވާލުތަކަށް ޖަވާބު ހޯދަން ރާހުލް ބޭނުންވި ނަމަވެސް އެލީނާއަކަށް ޖަވާބެއް ނުދެވުނެވެ. އެވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރު ބަލަން އިން ރާހުލްއަށް އެލީނާ ކޮންމެވެސް ކަމެއް ސިއްރުކުރާކަން ޔަގީންވިއެވެ.

ބޭރަށް ދާން ބޭނުން ނުވި ނަމަވެސް ރާހުލް ގޮތް ދޫނުކުރުމުން އެލީނާ ބޭރަށް ނުކުތެވެ. އެ ގައުމުގެ މުހިންމު ތަންތަން ބަލައިލައި ބޮޑެތި ބައެއް ފިހާރަތަކަށް ވަދެލިއެވެ. މުހިންމުކޮށް ބޭނުންވާ ބައެއް ސާމާނު ގަތެވެ. ރާހުލް އުޅޭ އެޕާޓްމެންޓަށް ދާކަށް އެލީނާ ބޭނުމެއް ނުވިއެވެ. ރޭގަނޑު ކެއީ ރެސްޓޯރެންޓަކުންނެވެ.

އޮށޯތީ ނިދާން ނަމަވެސް އެލީނާގެ ލޮލަކަށް ނިންޖެއް ނައެވެ. ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. މީހާ ހާސްވެ ނުތަނަވަސްވާން ފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

އެލީނާގެ ހިޔާލުތައް ގޮސް ގުޅުނީ އޭނާގެ މާޒީއާއެވެ.

އެލީނާ އާއި ނީމާއަކީ ކުޑައިރުއްސުރެ އެކުގައި އުޅުނު ދެ ރައްޓެހިންނެވެ. ތައުލީމީ ހަޔާތް ނިންމައިލުމަށްފަހު، މަތީ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދިޔައީ ވެސް އެކުގައެވެ. ދެގޮތެއް ނުވި އެ ރަހުމަތްތެރިކަމުގައި އެކަކު އަނެކަކާ ހިއްސާނުކުރާ އެއްވެސް ކަމެއް ނެތެވެ. އެކަކަށް ލިބޭ އުފަލުގައި އަނެކަކު ބައިވެރިވަމުން ދިޔައިރު އެކަކަށް ލިބޭ ހިތާމައިގައި ވެސް އަނެކަކު ބައިވެރިވަމުން ދިޔައެވެ. އެއީ މިސާލެއް ފަދަ ދެ އެކުވެރިންނެވެ.

ނާސިން ދާއިރާއިން ކިޔަވަމުންދިޔަ އެލީނާ އާއި ނީމާގެ މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ފޮންޏެވެ. ލިބެމުންދިޔަ ކާމިޔާބީތައް ބޮޑެވެ. ފުރަތަމަ އަހަރު ވެސް ކޯހުން ރަންވަނަތަކެއް ހޯދިއެވެ. ދިރިއުޅުމާ މެދު ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ ކަމުގެ ފެހި ސިގުނަލް ލިބުނެވެ.

ރޭގަނޑުގެ ވަގުތެވެ. ފުރަތަމަ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ކުލާސް ބައިވެރިން ރޭވި ހަފުލާގައި އެލީނާ އާއި ނީމާ ވެސް ބައިވެރިވިއެވެ. އެންމެން ވެސް ތިބީ ނުހަނު އުފާވެ ހިތްހަމަޖެހިފައެވެ. ކޯހުގެ ތެރެއިން ފެންނަމުންދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަން އެތަނުން ވެސް ފެންނަމުން ދިޔައެވެ. ނާސިން ކޯހުގެ ބައިވެރިންގެ އިތުރުން ބައެއް ބައިވެރިންގެ ރައްޓެހިން ވެސް ހަފުލާގައި ބައިވެރިވިއެވެ. މުޅިން ވެސް ތިބީ ކޮލެޖުގެ ދަރިވަރުންނެވެ.

ނީމާ އާއި ޖަސްޓިން ދިމާވީ އެ ހަފުލާގެ ތެރެއިންނެވެ. ފުރަތަމަ ބައްދަލުވުމާއެކު ވެސް އެ ދެމެދުގައި ހާއްސަ ގުޅުމެއް އުފެދުނެވެ. މާބޮޑަށް ލަސްވުމުގެ ކުރިން އެޕާޓްމެންޓަށް ދާން އެލީނާ ބޭނުންވި ނަމަވެސް، ނީމާ ބޭނުންވީ މަޑުކުރާށެވެ. ނީމާ އެދުނު ފަދައިން ޖަސްޓިންއާއެކު ދާން ނީމާ ބަހައްޓާފައި އެލީނާ ދިޔައީއެވެ. މާބޮޑަށް ލަސްނުވެ އައުމަށް ބުންޏެވެ.

ނީމާ އާދޭތޯ ބަލަން އެލީނާ މަޑުކުރިއެވެ. އޭނާ އައުމުގެ ކުރިން ނިދާކަށް އެލީނާ ބޭނުމެއް ނޫނެވެ. މެންދަމުން އަލިވެ އެކެއް ޖެހިއިރު ވެސް ނީމާއެއް ނާދެއެވެ. ގުޅިއިރު ފޯނު އޮތީ ނިވާލައިފައެވެ. ޓީވީ ހުޅުވާލައިގެން ނީމާގެ އިންތިޒާރުގައި އޮތް އެލީނާއަށް ނިދުނުއިރެއް އޭނާއަކަށްވެސް ނޭނގެއެވެ.

އެލީނާއަށް ހޭލެވުނީ ހެނދުނެވެ. އަވަސް އަވަހަށް ތެދުވަމުން ކޮޓަރިއަށް ނަޒަރު ހިންގާލި އިރު، ނީމާ ނިދާފައި އޮތެވެ. އެއްޗެހި ބަދަލު ވެސް ނުކޮށް އެނދު ހުރަހަށް ކަހަލަ ގޮތަކަށް އޮތް ނީމާއާ މެދު އެލީނާގެ ހިތުގައި ސުވާލު އުފެދުނެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑު ވެސް ވިއެވެ.

ނީމާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ހުސްވަގުތެއް ލިބޭއިރަށް ޖަސްޓިންއާއެކު ބޭރަށް ދާން ފެށިއެވެ. ރެސްޓޯރެންޓް ފަދަ ތަންތަނަށާއި ޕާކުތަކަށެވެ. މަޖާކޮށް އުފާކުރުމަށް ހަދާފައި ހުންނަ ފާޑުފާޑުގެ ތަންތަނަށާއި ޕާޓީތަކަށެވެ.

ނީމާއަށް އަންނަމުންދިޔަ ބަދަލުތަކާ މެދު އެލީނާ ކަންބޮޑުވިއެވެ. އެހެން ނޫޅުމަށް އެދި ނަސޭހަތް ދިނެވެ. ދެރައެއް ލިބިދާނެކަން ހަނދާންކޮށްދިނެވެ.

އެލީނާގެ ވާހަކަތައް ނީމާއަކަށް ކަމަކު ނުދިޔައެވެ. މިއީ ޒުވާން ދުވަސްވަރެވެ. ހިތް އުފާކޮށް މަޖާކޮށްލުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ. އެލީނާއަކަށް ނުވިސްނެއެވެ. މުސްކުޅި ބޯދާ ހިޔާލުތައް ދޫކޮށްލައި، ޒަމާނާ އެއްވަރަށް އެލީނާ ތަރައްގީ ވާން އެބަޖެހެއެވެ. އުފަލާއި ހިތްހަމަޖެހުމަކީ ކޮބައިކަން އެލީނާއަށް ވެސް ވިސްނޭނީ އޭރުންނެވެ. ނީމާގެ ވާހަކައަކީ އެއީއެވެ.

ރަސްމީ ބަންދަކާ ދިމާކޮށް ލިބުނު ތިން ދުވަހުގެ ޗުއްޓީގައި ނީމާ ފުރައިގެން ދިޔައެވެ. ދިޔައީ ކޮންތާކަށް ކަމެއް، އަންނަނީ ކޮންއިރަކު ކަމެއް ނުބުނެއެވެ. ދަނީ ކޮންބައެއް ކަމެއް ވެސް ނުބުންޏެވެ. ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ.

ދަތުރު ނިންމައިލުމަށްފަހު އައިއިރު ނީމާގެ ކިބައިން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމެވެ. ވާހަކަދެއްކުން މަދުވުމާއެކު އެކަހެރިކަމަށް ލޯބިކުރަން ފެށިއެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ކަންބޮޑުވުމާއި ނުތަނަވަސްކަން ވެސް ފާހަގަވާން ފެށިއެވެ. އެކަމާ ކަންބޮޑުވެގެން އެލީނާ ސުވާލު ކުރިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް އެތައް ފަހަރަކު އެދުނެވެ.

އެވާހަކަ ދައްކަން ނީމާއަށް ފަސޭހައެއް ނުވިއެވެ. ތަކުރާރުކޮށް އެލީނާގެ ކިބައިން މައާފަށް އެދެމުން ނީމާ ވާހަކަދައްކަން ފެށިއެވެ. ރޮމުން ގިސްލަމުން ނަމަވެސް، އެ ވާހަކަތައް ކިޔައިދޭން އޭނާ ބޭނުންވިއެވެ. އޭނާއަށް ހިނގުނީ ރަނގަޅު މަގަކުން ނޫން ކަމަށް އެއްބަސްވިއެވެ.

ނީމާގެ ވާހަކަތަކުން އެނގުނު ގޮތުގައި ޖަސްޓިން ވަނީ ގަދަކަމުން އޭނާއާ ބެހިފައެވެ. އާރާއި ބާރުގެ ބޭނުންކޮށްގެން އޭނާގެ އިއްފަތްތެރިކަން ފޭރިގެންފައެވެ. ވަގުތުގެ ބޭނުންކޮށް ނީމާގެ ފަރާތުން އޭނާ ބޭނުންވި ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ހޯދައިފައެވެ. އޭނާއަކީ ބޮޑު މަކަރުވެރިއެކެވެ. ލޯބީގެ ދަޅަދައްކައި އޭނާ ބޭނުންވި ކަންތައް ހާސިލްކޮށްފިއެވެ.

އޭގެފަހުން ވެސް ޖިސްޓިންގެ ކޯލްތައް ނީމާއަށް ލިބެމުން ދިޔައެވެ. އޭނާ އަޅައެއް ނުލައެވެ. އެލީނާ ބުނި ފަދައިން ކެތްތެރިވިއެވެ. ހަމަޖެހިލެވޭތޯ ބެލިއެވެ. އެ ހިޔާލުތަކާ ދުރަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ސިއްހީ ހާލަތު ހުރިގޮތުން ނީމާ ކުލާހަކަށް ނުދެއެވެ.

އެއްދުވަހަކު ކުލާހުން އައިސް ގޯތިތެރެއަށް ވަން ވަގުތު ފެނުނު މަންޒަރާއެކު އެލީނާ ދިޔައީ ސިއްސައިގެންނެވެ. ސުވާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވި އިރު، ކަންބޮޑުވުމާއި ހާސްކަން މީހާ ވަށާލިއެވެ. ނީމާއާ ދިމާއަށް ދުއްވައިގަނެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

ނީމާ ނޭވާލާހެނެއް ހިޔެއް ނުވެއެވެ. އަނގަ އާއި ނޭފަތުން ހޯސްލާފައި ލޭ ފައިބަމުން ދިޔައިރު އެއްވެސް ހަރަކާތެއް ނެތެވެ. ނީމާ ހޮސްޕިޓަލަށް ގެންދިއުމަށް އެލީނާ އަވަސްވެގަތެވެ. ގައިދަށު އޮތް ބޭސްފުޅި ފެނުނީ އެވަގުތުއެވެ. ނީމާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެއާއެކު އަވަސް ފަރުވާ ވެސް ފެށުނެވެ. ނީމާއަށް ފަރުވާ ދިނުމުގައި އެމީހުންނަށް ކުރެވޭން ހުރި ހުރިހާކަމެއް ހޮސްޕިޓަލުން ކުރަމުން ދިޔައެވެ.

ނީމާގެ އާއިލާއަށް އެ ހަބަރު ދިނުމަށް އެލީނާ އިސްކަން ދިނެވެ. ވީ ހުރިހާ ގޮތެއް ކިޔައިދިނެވެ. މިކޮޅުން ކުރަން ޖެހޭ ހުރިހާކަމެއް އޭނާ ކުރާނެކަމުގެ ޔަގީންކަންވެސް ދިނެވެ.

ލިބުނު ހަބަރާއެކު އެލީނާގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ހުރިގޮތަށް އެތައް އިރެއް ވާންދެން ހުއްޓެވެ. ޑޮކްޓަރުން ދައްކަމުންދިޔަ ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެކުގައި ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ހޮސްޕިޓަލަށް އައެވެ. އެލީނާއަށް އެހީތެރިވުމުގައި އެމީހުން ނަމޫނާ ދެއްކިއެވެ.

ޑޮކްޓަރުންގެ ރިޕޯޓުގައިވާ ގޮތުން ނީމާ މަރުވީ އޯވަޑޯޒް ވެގެންނެވެ. ހިއްސާކުރަންޖެހޭ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކުރިއެވެ. ލިބުނު މައުލޫމާތާއެކު މުއައްސަސާތަކުން އެމީހުންގެ މަސައްކަތް ފެށިއެވެ.

ނީމާގެ ޖަނާޒާގައި ބައިވެރިވުމަށް އޭނާގެ އާއިލާ މެންބަރުން އައެވެ.

ފުލުހުންގެ ޓީމުން އެމީހުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެލީނާގެ ބަޔާން ނަގައި ގޭތެރެއިން ބަލަން ޖެހޭ ތަންތަން ބަލަމުން ދިޔައެވެ. ނީމާއާއެކު އުޅޭ އެހެން ބައެއް ދަރިވަރުންގެ ފަރާތުންވެސް މައުލޫމާތު ހޯދިއެވެ. އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކުގެ ރެކޯޑިން ވެސް ހޯދިއެވެ.

ނީމާގެ ޖަނާޒާގެ ކަންތައް ނިމުމާއެކު އޭނާގެ އާއިލާއިން އެނބުރި ގައުމަށް ދިޔައެވެ. އެތަނުގައި މަޑުކޮށްގެން ލިބޭނީ އިތުރު ހިތްދަތިކަމެއް ކަމުގައި އޭނާގެ މަންމަ ބުންޏެވެ. އެ ވާހަކަތައް އޭނާގެ ބައްޕައަށް ގަބޫލު ކުރެވުނެވެ. އެލީނާއާ މެދު އެމީހުންގެ ހިތުގައި އެއްވެސް ސައްކެއް ނެތެވެ. އެތައް ފަހަރަކު އޭނާއަށް ޝުކުރު އަދާކުރިއެވެ.

ހަފުތާއެއްހާ ދުވަހަށް ދިގު ދެމިގެންދިޔަ މައްސަލައިގެ އަސްލު ފުލުހުން ހާމަކުރުމާއެކު އެލީނާއަށް ރޮއިގަނެވުނެވެ. އެހެނެއް ނުވާނެއޭ ބުނެވުނެވެ. އެ ވާހަކަތައް ގަބޫލުކުރަން ބޭނުން ނުވިޔަސް، އެހެން ވާކަށްވެސް ނެތެވެ. އެ ހުރިހާ ވާހަކައެއް ނީމާ ވަނީ އޭނާއަށް ކިޔައިދީފައެވެ.

އަމިއްލައަށް މަރުވި ނިމާގެ މަރު ގުޅިފައިވަނީ، ކައިވެނީގެ ބޭރުން ބަނޑުބޮޑުވުމާއެވެ. އޭނާ ބޭނުންވީ އެކަމުން ސަލާމަތްވާށެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ ބަލާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އިހުތިޔާރު ކުރީ އެންމެ ކުރު މަގެވެ. އެންމެ ގޯސް ގޮތެވެ.

ނީމާގެ މަރާއެކު އެލީނާގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. އަބަދުހެން ހުންނަނީ ބިރުގަނެ ހާސްވެފައެވެ. އެތަނުގައި އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ކަންބޮޑުވުމާއި ހާސްކަމުން ސަލާމަތެއް ނުވެވުނެވެ.

ކުއްލިއަކަށް އެލީނާ ފުރައިގެން ދިޔައީ ވެސް އެހެންވެއެވެ. އެކަމަށް ކޮންމެވެސް ހައްލެއް އޭނާ ބޭނުންވެއެވެ. އެކަމަށް ހައްލެއް ނުލިބެނީސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ޖެހިގެން އައި ދުވަހު ރާހުލް އައުމުން އެލީނާ އެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

އެލީނާ ގަބޫލުކުރާ ގޮތުގައި ނީމާގެ މަރާ އެންމެބޮޑު ގުޅުމެއް ހުރީ ޖަސްޓިންއާއެވެ. އެކަމުގެ ޒިންމާ އޭނާ ނަގަން ޖެހޭނެއެވެ. ނީމާއަށް އެހެން ހެދުމަށްފަހު ޖަސްޓިންއަކަށް މިނިވަންކަމާއެކު އުފަލުގައެއް ނޫޅެވޭނެއެވެ. އެނޫން ކޮންމެވެސް އެހެން ގޮތެއް އޮންނާނެއެވެ.

އެލީނާ ބޭނުންވީ ޖަސްޓިންލައްވައި އެ ކުށުގެ ޒިންމާ ނަގުވާށެވެ. އެކަން އެހެން ދިމާވީ އޭނާގެ ނުބައިކަމުންނެވެ. އޭނާއަށް އެކަމުގެ އަދަބު ލިބެން ޖެހޭނެކަމުގައި އެލީނާގެ ހިތް ބުނަމުން ދިޔައެވެ.

އެލީނާގެ ވާހަކަތައް އަޑުއަހަން އިން ރާހުލްއަކަށް ކެތެއް ނުވިއެވެ. ނީމާއަށް އިންސާފު ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެކަމެއް އެލީނާއާއެކު ކުރާނެ ކަމަށް ބުންޏެވެ.

ފުލުންނާ ހަމައަށް ދެވަނަ ފަހަރަށް އެލީނާ ދިޔައީ އެތައް މައުލޫމާތެއް ހޯދައިގެންނެވެ. އެއިން އެއްވެސް މައުލޫމާތެއް އެ ފަރާތްތަކަށް އެނގޭކަމަކަށް ނުވިއެވެ. ނުވަތަ އެނގޭކަމަކަށް ނުހެދިއެވެ. އެލީނާ އާއި ރާހުލް، އެމީހުންގެ މަސައްކަތް ހުއްޓައެއް ނުލިއެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވާނެއޭ ބުނާފަދައިން މަސައްކަތް ކުރަމުންދިޔަ ވަރަކަށް ކޮޅުތައް ފެންނަމުން ދިޔައެވެ. އިތުރު މަގުތައް ހުޅުވެމުން ދިޔައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަސްޓިން ގެންދިޔައީ އޭނާގެ ކޮޓަރިން ގެންދަން ބޭނުންވި ހުރިހާ އެއްޗަކާ އެކުގައެވެ. ޖަސްޓިންއަކީ ބޮޑު ކުށްވެރިއެކެވެ. މަކަރުވެރި ހީލަތްތެރިއެކެވެ.

ނީމާއާ މެދު އޭނާ ކަންތައް ކުރި ފަދައިން އެތައް އަންހެންކުއްޖަކާ މެދު އޭނާ އަމަލުކޮށްފައި އެބަހުއްޓެވެ. އެފަދަ އަންހެން ކުދިންގެ ބަރަހަނާ އެތައް ފޮޓޯއަކާއި ވީޑިއޯ އޭނާގެ އަތުގައި ހުއްޓެވެ. އެތަކެތި ބޭނުންކޮށްގެން ބައެއް ކުދިންނަށް ބިރުދައްކައި އެތައް ފައިސާއެއް ހޯދާފައި އެބަހުއްޓެވެ. އެތަކެތި ވިއްކައިގެން ވެސް ފައިސާ ހޯދާފައި ހުއްޓެވެ.

ނީމާއަށް އިންސާފު ހޯދައިދިނުމުގައި އެލީނާ ކުރި މަސައްކަތް ކާމިޔާބު ވިއެވެ. ދެކެން އެންމެ ބޭނުންވި މަންޒަރު ނުފެނުނަސް މިހާރުން މިހާރަށް ނީމާއަށް ހޯދައިދެވެން އޮތް އިންސާފު ހޯދައިދެވުމުގެ ހިތްހަމަޖެހުން އެލީނާއަށް ލިބުނެވެ.

(ނިމުނީ)