(23 މާޗުގެ އަދަދާ ގުޅޭ)

ދެވަނަ ކަމަކީ قــــران كـــــريـــــم ކިޔަވައިވިދާޅުވުމެވެ. قــــران كـــــريـــــم އަޑުއެއްސެވުމެވެ. އެފޮތުން ޢިލްމާއި ފަހުމު އިތުރުކުރައްވާން މަސައްކަތްޕުޅު ކުރެއްވުމެވެ.

ރަމަޟާންމަހު ތިބާ ކުރައްވާ އަޅުކަންވެސް قــــران كـــــريـــــم ގެ މަތީން ތިބާގެ ހަނދުމަފުޅު އާކުރުވައެވެ. ރޯދަފުޅު ހިއްޕެވުމާއި ޤިޔާމުއްލައިލިއެވެ. މި ބަރަކާތްތެރި މައްސަރުގެ އަސްލު އަމާޒަކީ ޤުރްއާން ކިޔަވައި ވިދާޅުވުމާއި ޤުރްއާން އަޑުއެއްސެވުމެވެ. ޤުރްއާނަށް ޢަމަލުކުރެއްވުމާއި ޤުރްއާނުގެ ދަޢުވަތު ދެއްވުމެވެ. ޤުރްއާން ދަސްފުޅުކުރެއްވުމެވެ. އެފޮތަށް ޢަމަލުކުރެއްވުމުގެ އެކަށޭނަކަން ތިބާގެ ކިބައިގައި އުފެއްދެވުމެވެ. ތިބާ އެންމެބޮޑަށް ފަރުވާތެރިވެވަޑައިގަންނަވާންވީ قــــران كـــــريـــــم އާއެކު ވަގުތު ހޭދަކުރެއްވުމަށެވެ. އެގޮތަށް ވަގުތު ހޭދަކުރައްވާއިރު މާތް اللّــــه ތިބާއާ މުޚާޠަބުކުރައްވައި ވަޙީކުރައްވާ އެއްޗެއް ތިބާ މޭރުންކުރެއްވުމުގެ އައުލާކަން ބޮޑެވެ. ހެޔޮކަން އިތުރެވެ. ހަމައެފަދައިން ތިބާގެ ހިތްޕުޅުގައި އެމާތް ފޮތް ބިންވަޅު ނަންގަވަމުން ގެންދަވާށެވެ. ތިބާގެ ވިސްނުންފުޅަށް قــــران كـــــريـــــم ހިންދަވައިލައްވާށެވެ. ތިބާގެ ހިތްޕުޅުގައި އެފޮތާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ދަހިވެތިކަން އަށަގަންނުވާށެވެ.

ގަވާއިދުން ތަރާވީޙުނަމާދު ކުރެއްވުމަކީ އަހަރުދުވަހުގެ ތެރެއިން މަހަކު އެންމެފަހަރަކު ނަމަވެސް قــــران كـــــريـــــم އަޑުއައްސަވައިލެއްވުމުގެ ނަސީބު ލިބިވަޑައިގަންނަވާނެ ކަމެކެވެ. މާތް اللّــــه ގެ ޙަޟުރަތުގައި ހުއްޓިވަޑައިގެން ކޮޅަށް ހުންނަވައި އެކަލާނގެ ކަލާމްފުޅު އަޑުއައްސަވައިލެއްވުމަކީ ބަޔާންވެސް ނުކުރެވޭފަދަ ރޫޙާނީ ފައިދާތަކެއް ލިބިވަޑައިގަންނަވާނެ ކަމެކެވެ. އެކަމަކު ޢަރަބިބަސް އެނގިވަޑައިނުގަންނަވާ ކަމުގައިވާނަމަ އެކަމުގެ އެންމެ އައިތަވެރި އަރުތަ ލިބިވަޑައިނުގެން ހިނގައިދާނެއެވެ. ޤުރްއާނުގައި ދެއްވައިފައިވާ މެސެޖުތަކާއި ޤުރްއާނުގެ މަޒުމޫނު ފަހުމްވެވަޑައިގެންނެވުމުގެ އަފޫރައްބަ ފައިދާ ލިބިވަޑައިނުގެން ހިނގައިދާނެއެވެ. އެހެންކަމުން ތިބާ އެމަތިވެރި އަމާޒަށްޓަކައި އިތުރަށް މަސައްކަތްޕުޅެއް ކޮށްލެއްވުމަކީ އެދެވިގެންވާ ކަމެކެވެ. ތިބާގެ ދުވާލުގެ ޕްރޮގްރާމުގެ ތެރެއިން ޤުރްއާނަށް އިތުރު ވަގުތު ދެއްވާށެވެ. އިތުރު ހިންމަތެއް ކޮށްލައްވާށެވެ. ތިބާ ތަރާވީހުގައި ތިޔަ ހޭދަކުރައްވާ ވަގުތާ އެއްވަރަށް ޤުރްއާނަށްޓަކައި ދުވާލުގެ ވަގުތުތަކުގެ ތެރެއިން ވަގުތު ހުސްކުރައްވާށެވެ. ޤުރްއާން ތަރުޖަމާގެ ކޮންމެވެސް ބަޔެއް ރަނގަޅަށް ވިސްނައިވަޑައިގެން ވިދާޅުވާން މަސައްކަތްޕުޅު ކުރައްވާށެވެ.

ދުވާލަކު ވިދާޅުވާންވީ މިންވަރު ތަރާވީޙުގެ ޒަރީޢާއިން އަޅުގަނޑުމެންނަށްވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ދުވާލަކު ފޮތެއްގެ ތަރުޖަމާ ވިދާޅުވެވޭތޯ މަސައްކަތްޕުޅު ކުރައްވާށެވެ. އޭރުން ރަމަޟާންމަހާއެކު ޤުރްއާނުގެ ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވެލެއްވޭނެއެވެ. ކައުސާހިބާގެ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ކޮންމެ ރަމަޟާންމަހަކުވެސް جــبـــــريـــل عـلــيـــه السّــلام ގެ އަރިހުގައި ކީރިތި ޤުރްއާން ދިރާސާކުރެއްވިއެވެ. ޚާއްޞަގޮތެއްގައި އެމާތް ސާހިބާ ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރަށް ދިރާސާކުރައްވައި ނިންމެވިއެވެ. (ބުޚާރީ، މުސްލިމް إبـــــن عــبّـــاس رضـــى اللّـــه عــنـــــه) އެހެންކަމުން އެންމެރަނގަޅުގޮތަކީ ތަރާވީޙު ނަމާދުގައި ކޮންމެ ރެޔަކު ފޮތެއްގެ އަޑުއައްސަވާ ފަދައިން ކޮންމެދުވަހަކުވެސް ފޮތެއްގެ ތަރުޖަމާ އަޑުއެއްސެވުމެވެ. ނުވަތަ ބެއްލެވުމެވެ. އެކަމަކު މިއީ ކޮންމެކޮންމެ މީހަކަށް ކުރާން ފަސޭހަ ކަމަކަށް ނުވެހިނގައިދާނެއެވެ.

ޚުދު قــــران كـــــريـــــم ވަނީ ޢުޒުރުވެރީންނަށް ލުއިތަކެއް ދެއްވައިފައެވެ. ބަލިކަށި މީހުންނަށެވެ. ބަލިމީހުންނަށެވެ. ދިރިއުޅުމުގެ ވަސީލަތްތައް ހޯދާން މަސައްކަތްކުރާ މީހުންނަށެވެ. މާތް اللّــــه ގެ މަގުގައި ހަނގުރާމަކުރާ މީހުންނަށެވެ. އެފަދަ މީހުންނަށް ރުޚުޞަތު ދެއްވައިފައިވަނީ ފަސޭހައިން ކިޔެވުނުވަރަކަށް ކިޔެވުމަށެވެ. އަރަހުށި މާތް اللّــــه ގެ ދީލަތިވަންތަކަމުން މީހުނަށް ތަކުލީފު ޖައްސަވަނީ އެމީހަކަށް ކުޅަދާނަ ވަރަކަށެވެ. އުފުލޭވަރަކަށެވެ.

ދެވަނަގޮތަކީ ރަމަޟާންމަސް ފެށުމާއެކު ވިދާޅުވާން ފެއްޓެވި ޤުރްއާން ތަރުޖަމާ ދެން އަންނަ ރަމަޟާންމަހެއް އަންނާންވާއިރަށް ވިދާޅުވެ ނިންމެވުމެވެ. އެ މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި ތިބާއަށް ވިދާޅުވާން ޖެހިވަޑައިގަންނަވާނީ ދުވާލަކު ރުކޫޢެއް ނުވަތަ ދޮޅުރުކޫޢުގެ މިންވަރެވެ. އެހައިވަގުތުކޮޅެއް ހޯއްދަވައިލެއްވުމަކީ ރަމަޟާންމަހުވެސް އަދި ރަމަޟާންމަސް ނޫން އެހެން މަހެއްގައިވެސް ދަތިފުޅުކަމަކަށެއް ނުވާނެއެވެ. އެހެންކަމުން މި ދަރުމަހުރި މަސައްކަތްޕުޅު މި ރަމަޟާންމަހު ފައްޓަވައިގަންނަވާށެވެ. މާތް اللّــــه ގެ ރަޙުމަތްފުޅާއި ބަރަކާތް ތިބާއާ ގުޅުއްވައިލެއްވޭނެއެވެ.

ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވާއިރު ރަނގަޅަށް ވިސްނައިވަޑައިގެން ކިޔަވައި ވިދާޅުވާށެވެ. ހަމައެފަދައިން قــــران كـــــريـــــم އާ ތިބާގެ ޒާތާ ގުޅުއްވައިލެއްވުމަކީވެސް ބޭނުންކަމެކެވެ. ހަމައެފަދައިން ތިބާގެ ރޫޙުފުޅާއި ހިތްޕުޅާ قــــران كـــــريـــــم އާ އޮންނަ ގުޅުން ފުންކުރައްވަމުން ވަރުގަދަކުރައްވަމުން ގެންދަވާށެވެ. قــــران كـــــريـــــم ގައި އެފޮތް ކިޔަވާމީހުންގެ ސިފަތައް ބަޔާންކުރައްވައިފައިވެއެވެ. އެސިފަތައްވަނީ ހަމައެކަނި ހިތުން ވިސްނައިގެން ކިޔެވުމުގެ މައްޗަށް ދާއިރާ ހަނިކުރައްވައިފައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ކިޔަވާންވީގޮތަށް ޤުރްއާންކިޔަވާ މީހުން ސިފަކުރައްވާއިރު ފާހަގަކުރައްވައިފައިވަނީ ހިތާއި ރޫޙާއި ޖިސްމު ފުރިހަމަޔަށް ބައިވެރިކުރުމާއެކު ކިޔަވާ މީހުންނެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ޤުރްއާން ކިޔަވަންވާގޮތަށް ކިޔަވައި އަޑުއަހާންވީގޮތަށް އަޑުއަހާއިރު ކިޔަވާމީހާއާއި އަޑުއަހާ މީހާގެ ހިތް ބިރުން ރޫރޫއަޅައެވެ. ހިތް މަޑުވެއެވެ. މަޑުމޮޅިވެއެވެ. އެފަދަ މީހުންގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށްޖެހެއެވެ. ލޯތަކުން ކަރުނަ އާދެއެވެ. ރޮވި ގިސްލެވެއެވެ. އީމާންކަން އިތުރުވެއެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم އިރްޝާދު ދެއްވައިފައިވެއެވެ. "قــــران كـــــريـــــم ކިޔަވާއިރު ރޮމުން ކިޔަވާށެވެ. ނުރޮވޭކަމުގައިވާނަމަ ރޮވޭތޯ މަސައްކަތްކުރާށެވެ. އެހެނީ އެ ޤުރްއާން ބާވައިލެއްވީ ހިތާމައާއި މޮޅިވެރިކަމުގެ ތެރޭގައެވެ."

ތިބާ އެފޮތުން ކުޑަތަންކޮޅެއް ކިޔަވައިވިދާޅުވި ކަމުގައިވިޔަސްވެހެވެ. -- ތިބާ الــقــارعـــــة ކިޔަވައިވިދާޅުވާށެވެ. އެސޫރަތުގައިވަނީ ބިރުވެރިކަން ބޮޑު ޤިޔާމަތްދުވަހުގެ ވާހަކައެވެ. ނުވަތަ الـــزّلــــزال ކިޔަވައިވިދާޅުވާށެވެ. އެސޫރަތުގައި ޚަބަރުދެއްވައިފައިވަނީ ތިބާގެ ކުދިކުދި ނުބައި ޢަމަލުތަކާއި ކުދިކުދި ހެޔޮކަންތައްވެސް ތިބާގެ އަރިހަށް ހާޒިރުކުރައްވާނެކަމުގައެވެ. -- އާދެ، ކުޑަކުޑަ ތަންކޮޅެއް ވިދާޅުވިކަމުގައިވިޔަސް ފިސާރިބޮޑަށް އެވިދާޅުވުމުގެ ތެރެޔަށް ގެނބިވަޑައިގެން ވިދާޅުވާށެވެ. ތިބާ ތިޔަހުންނެވީ މާތް اللّــــه ގެ ޙަޟުރަތުގައިކަމުގެ އިޙްސާސާއެކު ވިދާޅުވާށެވެ. އެކަލާނގެ ކަލާމްފުޅުގެ ޒަރީޢާއިން އެކަލާނގެ ތިބާއާ ބަސްވަޙީކުރައްވާކަމުގެ އިޙްސާސާއެކު ވިދާޅުވާށެވެ. އެވެނިކަމެއް ކުރާށޭ މިވެނިކަމެއް ނުކުރާށޭ މިވެނިކަމެއް ކުރިމަތިވެގެން އަންނާނެއޭ އަންގަވާކަމުގެ ޙާލަތު ހިތްޕުޅަށް ގެންނަވާށެވެ. ލިބިވަޑައިގަންނަވާނީ މިވެނި ނަތީޖާއެކޭ އަންގަވާކަން ތަޞައްވުރަށް ގެންނަވާށެވެ. އާދެ، ތިބާގެ ކިޔަވައިވިދާޅުވުމުގައި ތިބާގެ ހަށިކޮޅާއި ފުރާނަފުޅާއި ހިތްޕުޅު ބައިވެރިކުރައްވާށެވެ.