Close
ބައިބަލާ

އީދު ބައިބަލާ ޗެލެންޖް 1444ގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުންދާ އީދު ބައިބަލާ ޗެލެންޖް 1444ގެ ޓައިޓަލް ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިދިޔަ ހަފުތާ ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސައީދު އަލީއެވެ.

ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރު މުބާރާތުގައި ބައިވެރިވުމަށްވެސް ރޯދަމަހުގެ ފަހުކޮޅުގައި ފުރުސަތު ހުޅުވާލެވެނޭއެވެ. މުބާރާތަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭއިރު، ބައިބަލާ އެސޯސިއޭޝަނުން މުބާރާތް ބާއްވަން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައެވެ. މިފަހަރުގެ މުބާރާތްވެސް އީދާ ދިމާކޮށް ފެށުމަށް ތައްޔާރުވަމުންދާ އިރު، އެސޯސިއޭޝަންގެ ފަރާތުން ބުނީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައިބަލާއަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުޅެވެމުންދާ ފޯރިގަދަ ކުޅިވަރެއް ނަމަވެސް، މުބާރާތް މެދުކެނޑުމެއްނެތި ބޭއްވުމަށް އެސޯސިއޭޝަނަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.

މިދިޔަ އަހަރުގެ ބައިބަލާ މުބާރާތް ބާއްވާފައިވަނީވެސް ކޮވިޑްގެ ސަބަބުން އޭގެ ކުރިން ދެ އަހަރު މުބާރާތް ނުބޭއްވި އޮތުމަށްފަހުއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމު ވާދަކުރި އިރު، 1،000 ވަރަކަށް ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. އެކި ފަރާތްތަކާ މަޝްވަރާކޮށްގެން މިދިޔަ އަހަރުގެ މުބާރާތް ފޯރިގަދަކޮށް އެސޯސިއޭޝަނުން އިންތިޒާމު ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ އޯ ވަންއެވެ.