Close
ރޯދަ 2023

ރީތި މަންޒަރެއް، ބޫޓާނާއި ލާއޯސް މެޗު މެދުކަނޑާލީ ދިވެހި ރެފްރީން ރޯދަ ވީއްލުމަށް!

ނޭޕާލުގައި މިހާރު ކުރިއަށްދާ ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގައި މިއަދު ބޫޓާނާއި ލާއޯސް ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރީ ދިވެހި ރެފްރީންގެ ޓީމެކެވެ. ނޭޕާލާއި ބޫޓާން އަދި ލާއޯސް ވާދަކުރާ އިންޓަނޭޝަނަލް ތްރީ ނޭޝަންސް ކަޕްގައި ދިވެހި ރެފްރީންގެ ޓީމަކަށް ފުރުސަތު ލިބިފައިވާ އިރު، އެ ރެފްރީންނަށް މިއީ ޝަރަފުވެރި މުބާރާތެއްވެސް މެއެވެ.

ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކުރާ މުބާރާތުގައި ރެފްރީކަން ކުރަން ފުރުސަތު ލިބި އެކަމުގައި ބައިވެރިވާ ދިވެހި ރެފްރީންގެ ޓީމަކީ އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް، އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން، އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހުއެވެ.

މުބާރާތް ރޯދަ މަސް ތެރޭގައި އޮތް ނަމަވެސް ދިވެހި ރެފްރީން ފުރުސަތުގެ ބޭނުން ހިފައި މެޗުތައް އިންސާފު ކުރަމުންދާ އިރު، މިއަދުގެ މެޗުގެ 25 ވަނަ މިނެޓުގައި މެޗު މެދުކަނޑާލީ ދިވެހި ރެފްރީން ރޯދަ ވީއްލުމަށެވެ. މެޗު ކޮމިޝަނަރު ފުރުސަތު ދިނުމާއެކު ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލައި ޖާވިޒް އާއި ރެފްރީންގެ ޓީމުން ރޯދަ ވީއްލުމަށްފަހު އަލުން މެޗައިގެން ކުރިއަށް ގޮސްފައިވެއެވެ.

މިއަދުގެ މަންޒަރާއެކު ފުޓުބޯޅައިގެ ރީތި މަންޒަރެއްގެ ގޮތުގައި އެކަން ސިފަކޮށް، ނޭޕާލުގެ ނޫސްވެރީންވެސް ވަނީ އެކަމަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް އެ މަންޒަރުން ދައްކުވައިދެނީ އިހުތިރާމް ކުރުމުގެ ރިވެތި އުސޫލެއްކަން ނޫސްތަކުގައި ބުނެފައިވެއެވެ.

ރޯދަ ވީއްލުމަށް މެޗު ތެރެއިން ދޭ ފުރުސަތު، ދުނިޔޭގެ ބޮޑެތި ލީގުތަކުގައިވެސް މިހާރު ފެންނަމުން ދެއެވެ. އެގޮތުން ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނަށްވެސް މިހާރު ރަސްމީކޮށް ރޯދަ ވީއްލުމުގެ ފުރުސަތު ދެމުން ދެއެވެ. ހާއްސަކޮށް ޕްރިމިއާ ލީގުގައި ރެފްރީންނަށް ވަނީ ހާއްސަ އިރުޝާދެއް ދީ، މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ފަހިކޮށްދޭން އެދިފައެވެ. މި ސީޒަން ވެގެންދާނީ އިނގިރޭސި ލީގުގައި އެކަން ކުރުމަށް ރަސްމީ ފުރުސަތެއް ދޭ ދެވަނަ ސީޒަނަށެވެ.

މިއަދު ލާއޯސް އާއި ބޫޓާން ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ލާއޯސްއެވެ.