އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުން އެކަމަށް އެދި އީމެއިލް މެދުވެރިކޮށް އަންނަ ޖުލައި މަހުގެ 25 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބޭރުގެ އޮބްޒާވަރަކަށް ނުވަތަ މޮނީޓަރަކަށް ވެވެނީ އުމުރުން 18 އަހަރު ފުރިފައިވުމާއެކު ބޭރުގެ ޖަމާއަތެއްގެ މަންދޫ ބަކަށެވެ. އަދި އެ މީހަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރާ މީހެއް ކަމަށް ވެގެން ނުވާނެ ކަމަށްވެސް އީސީން ބުންޏެވެ.
އީސީން އިތުރަށް ބުނީ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާ ބައްދަލުކުރުމުގެ ފުރުސަތު ބޭރުގެ މޮނީޓަރުންނަށާއި އޮބްޒާވަރުންނަށް ދޭނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.