މޯލްޑިވްސް ރީޕޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނަމަ، ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެ ޕާޓީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ކްލަބްހައުސްގައި "މާއްދާ27" ގްރޫޕުގެ ބައިވެރިއަކު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފާނަންތޯ ފާރިސްއާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލާ ގުޅިގެން ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅުންހުރި މަސައްކަތްތަކެއް އެމްއާރްއެމުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އޭނާގެ ނިންމެވުމެއް ބިނާވެގެންދާނީ އެމްއާރްއެމުން ނިންމާ ގޮތަކަށް ކަމަށެވެ.
"އެމްއާރްއެމުން މިސާލަކަށް ވަކި ކެންޑިޑޭޓެއް ނެރެގެން ކުރިއަށްގެންދާ ކަމަށް ވަންޏާ އަޅުގަނޑުވެސް ވިސްނުން ހަމަ ހުރެދާނެ އެގޮތަށް" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއާއެކު ބައްދަލުކުރައްވާފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް ޕާޓީއާއެކު ވަކިކަމަކަށް އެއްބަސްވުމަކަށް އާދެވިފައި ނެތް ކަމަށެވެ.
އެމްއާރްއެމުން މިހާރު ކުރަމުންދާ މަސައްކަތަކީ ގައުމުގެ ހުރި މައްސަލަތައް ހައްލުކުރެވޭނެ ސިޔާސަތެއް އޮތް ޕާޓީއެއް ދެނަގަތުމުގެ މަސައްކަތް ކަމަށް ފާރިސް ވިދާޅުވިއެވެ.
"ހާއްސަކޮށް މި ކޮރަޕްޝަންގެ ކަންތައްތައް. ޖިނާއީ އަދުލުގެ ނިޒާމުގެ ކަންތައްތައް، ޓެކްސްޒޭޝަންގެ ކަންތައްތައް. ދެން ކުރިން ހިނގާފައި ހުރި ޖިނާއީ ކުށްތަކެއް ކަމަށް ބެލެވޭ ކަންތައްތައް. އެމްއެމްޕީއާރްސީ މައްސަލަ އިނގޭތޯ ނޫނީ މަރުތަކުގެ މައްސަލަ. ހަމަ އޭގެ އިތުރުން އަޅުގަނޑުމެންގެ ގައުމަށް މިހާރު ދިމާވެފައިވާ މިއޮތް ބޮޑެތި ކަންތައްތައް. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ޕާޓީތަކުގެ މަގުސަދަކަށް ވެފައިވަނީ އެ ޕާޓީއެއްގެ ނުފޫޒު ވަރުގަދަ ކުރުމާއި ޕާޓީގެ މެމްބަރުން ނުފޫޒު ވަރުގަދަ ކުރުން ކަމަށެވެ. ޕާޓީތަކާއެކު ބޭއްވި ބައްދަލުވުންތަކުގައި އަދިވެސް އޮތީ އެފަދަ ސިޔާސަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭނޫން ގޮތަކަށް ގެންދާނެކަން ޔަގީންވާ ބަޔަކާއެކީގަ ނޫނީ އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭނެ. އެފަދަ އެހެން ބައެއް ނެތް ކަމަށްވަންޏާ ދެން ޖެހޭނީ އަޅުގަނޑުމެން ކުރީ ސަފަށް ނުކުންނަން ދެއްތޯ މިކަންކަން ހިފައިގެން" ފާރިސް ވިދާޅުވިއެވެ.