Close
ވާހަކަ

ކުރުވާހަކަ: އެ ބިރުވެރިކަން

ޖަޒްލާ މުހައްމަދު މޫސާ

1

އުުމުރުން ފަސް އަހަރުން ފެށިގެން އަހަރެން އުޅެމުންދިޔައީ ތޮއްޖެހިފައިވާ މާލޭގައެވެ. މަންމަ, އެހެން މީހާކާ އިނދެގެން މާލެ ބަދަލުވީ އަހަރެންނާއި ދައްތައަށް ރަނގަޅު ތައުލީމެއް ހާސިލުކޮށްދިނުމަށެވެ. އަހަރެން 18 އަހަރު ފަހުން ރަށަށް ދިޔުމަށް ދަބަސް ޕެކުކުރަމުންދިޔައީ ފުން ހިޔާލަކަށް ގެއްލި ހުރެގެންނެވެ. އަހަރެންގެ ބޮލުގެ ތެރޭގައި އެނބުރެމުން ދިޔައީ އެންމެ ކަމެކެވެ. އެއީ މިއޮތް ހުރިހާ ދުވަހެއްވީ އިރުވެސް ރަށަށް ދާން ބޭނުން ނުވެފައި ހުރި މަންމަ ކުއްލިޔަކަށް ރަށަށް ދާން ނިންމީމައެވެ. އަހަރެންގެ ބޮލަށް ކިތަންމެ ސުވާލުތަކެއް އެރިޔަސް, ނޭހިފައި ހުންނަން މި ޖެހެނީ މަންމަ ސުވާލު ނުކުރުމަށް ބުނެފައި އޮތީމައެވެ.

ހަނިމާދޫގައި ފައިޖެހުމާ އެކު އަހަރެންނަށް ކުރެވުނީ މުޅިން އާ އިހުސާސެކެވެ. އަހަރެމެން ލެފިއިރު ބޮޑުބޭބެ އައިސް ހުއްޓެވެ. އެއީ އެއް އަހަރު ދުވަހަށް ފަހު ބޮޑުބޭބެ ފެނުނު ފުރަތަމަ ދުވަހެވެ. އަހަރެން ފެނުމާއެކު ބޮޑުބޭބެ އައިސް ބައްދައިގަނެފިއެވެ.

"ދަރިފުޅާ ހާދަ ބޮޑުވެއްޖެއޭ" ބޮޑުބޭބެ ބުންޏެވެ.

ގެއަށް ދިޔަ މަގުމަތީގައި އަހަރެންނަށް ތިން ވަރަކަށް ފަހަރު ފަހަތަށް އެނބުރި ބަލައިލެވުނީ ފަހަތުގައި މީހެއް ހުންނަ ކަމުގެ އިހުސާސް ވެގެންނެވެ. ނަމަވެސް އެއްވެސް މީހެއް ނުހުރެއެވެ. ގެއާ ހަމައަށް ދެވެންދެން އަހަރެން ހުންނަން ޖެހެނީ ޝައްކެއް މަތީގައެެވެ. އެ ވާހަކަ ދައްކަން ނުކެރުނީވެސް މަންމަ ދަތުރު ކުރުކޮށްލާފައި މާލެ ދާން ނިންމައިފާނެތީއެެވެ. ރަށުގައި ބިރުވެރި ހާދިސާ ހިނގައި ކުދިން ގެއްލޭ ވާހަކަތައް މަންމަ ކުރިންވެސް ދައްކައެވެ. ފާޑަކަށް ބިރުގަތް ނަމަވެސް ފަހުން އެކަމާ އަޅައިނުލީ ދަތުރު ފަނިކުރަން ބޭނުންނުވީމައެވެ. ގެއަށް ގޮސް ފެންވަރާލައިގެން ރީތިވެލައިގެން ގޭ ޖޯލިފައްޗަށް ނުކުތީ ދައްތަމެން ތައްޔާރުވެގެން ނުކުންނަންދެނެވެ. އަހަރެމެން ހުންނަ ގެއާ ބޮޑުބޭބެގެ އަންހެނުން އުޅޭ ގެ ހުންނަނީ ދެ އަވަށުގައެވެ.

އަހަރެމެން ހުރިހާ ގަޑިއެއްގައި ކާންދާން ހަމަޖެހިފައި އޮތީ އެގެއަށެވެ. މަންމައާއި ދައްތަ ނުކުތުމުން ބާރުބާރަށް މެންދުރު ކެއުމަށް މިސްރާބު ޖެހީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. އެގައަށް ގޮސް ވަނުމާއެކު އަހަރެންނަށް އިހުސާސްވީ އެހެން ކަމެކެވެ. އެ ގޭތެރެ ހަލަބޮލިވެފައި މީހުން ގިނަކަމެވެ. ގެއާއި ތަންކޮޅެއް ދުރުގައި ހުންނަ ކާގެއަށް ވަދެފައި، ސުފުރާމަތި ފެނުމާއެކު އަހަރެންގެ ބަނޑުފުރުނު ކަހަލައެވެ. އެތައް ދުވަހަކަށްފަހު ދިވެހި ކެއުމެއް ކާން ލިބުމުން އަހަރެންނަކަށް ވެސް، ދައްތައަކަށްވެސް އިތުރަކަށް ކެތެއް ނުވިއެވެ. ދެމީހުން ވީހާވެސް އަވަހަށް އިށީނދެ ކާން ފެށީ އެއްވެސް އެހެން މީހަކަށް ބެލުމެއް ނެތިއެވެ .ކައި ނިންމައިގެން ތެދުވިއިރު އަހަރެމެން ދެބެއިން ތިބީ ހިނގައިވެސް ނުލެވިފައެވެެ. ކެއުން ނިންމާފައި އަހަރެން ނުކުތީ ގެއާ ދިމާއިން އޮތް ފަސްގަނޑަށެވެ.

އެތައް އިރެއްވީ ފަހުން އަހަރެންނަށް ހޭވެރިކަންވީ ދައްތަ އައިސް ސިއްސުވާލުމުންނެވެ. ދައްތަ އަތުގައި އޮތް ހުތް އަނބު ފެނުމުން އަހަރެން މަޖާ ކާހިތްވިއެވެ. ބޮޑުބޭބެގެ އަސްނާ ކައިރީ ބުނެގެން މަޖާ ހަދައިގެން މޫދަށް ދާން އަހަރެން ދައްތައަށް ހިޔާލުދިނީމެވެ. ތިން މީހުންވެގެން މަޖާ ހަދައިގެން ތުނޑިއަށް ގޮސް މޫދަށް އެރި މަޖާކޮށް އުޅުނު އިރުވެސް އަހަރެންނަށް ހީވަނި މީހަކު ބަލަން ހުންނަހެންނެވެ. ގެއަށް ދިޔަ މަގުމަތީގައި ތިން ވަރަކަށް ފަހަރު ފަހަތްވެސް ބަލައިލެވުނީ ކުރެވޭ ކުށްހީ ބޮޑުކަމުންނެވެ. ގެއަށް ގޮސް ވަނުމާއެކު މަންމަ އެއްޗެހި ގޮވަން ފެށުމުން އެރި ރުޅިން އަހަރެން މަޖާ ތަށި މޭޒުމައްޗަށް ދޫކޮށްލާފައި ގޮސް ދޮރުޖެހީމެވެ.

އާ ދުވަހަކަށް އިރު އެރީ ރަށު ތެރެއަށް ހިތާމަވެރި ހަބަރަކާއެކުއެވެ. ރަށު މިސްކިތް މުދިންބެގެ އަންހެން ދަރި ހުސްނާ ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ ހަބަރެވެ. އަހަރެން ގެއިން ބޭރަށް ނުކުންނަ އިރަށް މަންމަ ބުނި ބަހުން އަހަރެންގެ ހިތް ހުއްޓުނު ކަަހަލައެވެ.

"ގެއްލުމުގެ ތިން ވަރަކަށް ދުވަސް ކުރިން މީހަކު ފަރަލަނީ ހެން ހީވާތީއޭ ކިޔައިގެން ހުސްނާ އުޅުނު" މަންމަ އެހެން ބުނި އަޑު ކަންފަތް ބުޑުގައި ގުގުމާލީ ބާރު ހޮޮނުގެ އަޑުހެންނެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަަން ފެށީ ރަށަށް ފޭބި އިރުން ފެށިގެން އަހަރެންނަށްވެސް އެކަހަލަ ކުށް ހީތަކެއް ވާތީއެވެ. މަންމަ ކައިރީ އެވާހަކަ ބުނަން ހިތަށް އަރާފައިވެސް ނުބުނީ މަންމަ

ބިރުގަންނާނެ ވަރު ހިތަށް އަރައިފައެވެ. ސައިބޯން ތިއްބައި މަންމަ އައިސް, އެކަނި އެއްވެސް މީހަކު ބޭރަށް ނުދިއުމަށް އެންގިއެވެ.

ބިރުވެރިކަން ހިތަށް އައިލެއް ބޮޑުކަމުން އަހަރެން ބޭނުންވީ އަލުން މާލެ ދާށެވެ. ނަމަވެސް މަންމަ ކައިރީ ބުނާނެ ގޮތެއް ނޭނގިގެން އަހަރެން އެ ވާހަކަ އެއްވެސް މީހަކާ ނުދެއްކުމަށް ނިންމައި, އެ ވާހަކަ ހިތުގައި ފޮރުވީމެވެ. ގޭގައި ތިބެންވީމާ ފޫހިވެގެން ދައްތަ ކައިރީ ބުނެގެން މަންމަ ކައިރިން ހުއްދަ ހޯދައިގެން ގެއާ ދިމާލުން އަތިރިއަށް ނުކުތީ ފޫހިފިލުވުމުގެ ގޮތުންނެވެ.

ހަފުތާއެއް ވޭތުވެގެން ދިޔައިރު އެއްވެސް ކަމެއް ނުކޮށް ގޭގައި ތިބެން ޖެހުމުން ފޫހިކަން ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. ހަމައެއާއެކު ހުސްނާ ހޯދުމުގެ މަސައްކަތަށްވެސް ކުރިއެރުމެއް ނުލިބުމުން އެކަންވެސް ވަނީ ހުއްޓާލައިފައެވެ. މަންމަ ކޮންމެ ދުވަހަކު އެތައް ފަހަރަކު އެވާހަކަވެސް ދައްކައެވެ. މިކަމާ ބޯގޮވައިގެން ދައްތަ މާލެ ދާން ބުނުމުން މަންމަ އެރި ރުޅިން އެއްޗެހި ގޮވައިގަނެފައި ދެން މާލެ ދާން ނޫޅޭށޭ ބުންޏެވެ. މަންމައާއި ދައްތަގެ އެ ދުވަސް އެއްކޮށް ދިޔައީ ވާހަކަ ނުދައްކައި ރުޅި ހަދައިގެން ތިބެއެވެ. އަހަރެންގެ ހިތަށް ކެތް ނުވެގެން ދެން އެކަން ނިންމުމަށް ދައްތަ ކައިރިން އެދުނީމެވެ. އެ ރޭ ނިދަން އަރައި ފޯނާ ކުޅެން އޮއްވައި ތިން ވަރަކަށް ފަހަރު ކޮޓަރި ކުޑަދޮރު ކައިރިން މީހެއް ހުރަސް ކުރިހެން ހީވެގެން އަހަރެން ދައްތައަށް ގޮވާފައި ނެގީމެވެ. އަދި އެ ވާހަކަ ބުނީމާ ދައްތަ ބުނީ ކުރިން ދެ ރެއެއްގައިވެސް އެތާ މީހަކު ހުރިހެން ހީވި ކަމަށެވެ. ހޭލައިގެން މަންމަ ކައިރީ އެ ވާހަކަ ދެއްކުމަށް ނިންމާފައި ދެމީހުންވެސް ނިދީއެވެ.

އެރި އިރާއެކު މަންމަ ކައިރީ އެ ވާހަކަ ބުނުމުން މަންމަ ނިންމީ ބޮޑުބޭބެއާ ވާހަކަ ދައްކައިގެން އެގެއަށް ބަދަލުވުމަށެވެ. މީހުން މަދު ހިސާބެއްގައި މިހެން ކަންތައް ވާއިރު އުޅެން ފަސްޖެހޭކަމަށް މަންމަ ބުނުމުން ބޮޑުބޭބެ ބުނީ އެގޭގައި ހުރީ އެއް ކޮޓަރި ކަމަށެވެ. ނަމަވެސް ޖެހިގެން އިން ހައްވަމެން ގެއިން ކޮޓަރިއެއް މިއަދު ނަގާނެ ކަމަށެވެ. އެގެއަށް ބަދަލުވެވުމުން ކުޑަކޮށް ނަމަވެސް ހިތްހަމަޖެހިލެވުނެވެ. އެގެއަށް ބަދަލުވީމާ ބޮޑުބޭބެގެ ގެޔަށް ދާން ހުއްދަދިނެވެ. އެރޭ ގޭ އެންމެން ހޮޓަލަށް ގޮސް ކައިގެން އައި މަގުމަތިން އެތައް ފަހަރަކު ފަހަތަށް އެނބުރިފައި ބެލިތަން ފެނިގެން މަންމައަށް ޝައްކުވެގެން ދެ ފަހަރަކު އަހައިފިއެވެ. އަހަރެން ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނީމެވެ.

އަނެއް ދުވަހު ހޭލުމާއެކު މަންމަ ބުނީ ސައިބޮއިގެން އެއްޗެހި ދަބަހަށް އެޅުމަށެވެ. ވީ ކިހިނެއްތޯ ބެލުމަށް މަންމަ ކައިރީ އެހީމާ މަންމަ ބުނީ ބޭކާރު ވާހަކަ ނުދައްކައި އެކެއް ޖެހުމުގެ ކުރިން ތައްޔާރުވުމަށެވެ. ސައިބިއެގެން އިރުކޮޅެއް ވަންދެން ގޭ ފެންޑާގައި އުނދޯލީގައި ތިބެފައި ކޮޓަރިއަށް ވަނީ އެގާރަ ޖެހީމާ ދަބަސް ތައްޔަރުކޮށް ފުރުމަށް ތައްޔާރުވުމަށެވެ.

ބާރަގަޑި ފަންސާސްވީ އިރު, އަހަރެމެން ތިބީ ފުރަން ފާލަންމައްޗަށް ގޮހެވެ. އެތާ ހުރިއިރުވެސް މަންމަ ހުރީ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އޭރުވެސް އެތައް ފަހަރަކު ކައިރިން މީހަކު ދިޔަހެން ހީވެގެން ބެލި އިރު އެއްވެސް މީހެއް ނެތެވެ. ލޯންޗު އައިސް ފާލަމާ ކައިރި ކުރުމާއެކު އަހަރެން ގޮވައިގެން މަންމަ އަވަސް އަވަހަށް ލޯންޗަށް އެރިއެވެ. ލޯންޗު ފާލަމާ ދުރުކުރަން އުޅެނިކޮށް ނިކަގަސް ކައިރީ ހުރި މީހަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެމީހާ އެއީ އަހަރެންނަށް ދެތިން ދުވަހަކު އަތިރީ އޮއްވައި ފެނުނު މީހެކެވެ. އެއީ މުޅި އަތޮޅަށް މަޝްހޫރު ސިހުރު ހަދާ ހަސަންމަނިކެވެ. އަހަރެންނަށް މިއޮތް ހުރިހާ ދުވަހު ފާރަލީ އޭނާކަން އަހަރެންނަށް ޔަގީންވީ އެ ހިސާބުންނެވެ. ނަމަވެސް ހިތްހަމަޖެހުނީ ރަށުން ފުރައިގެން ދެވޭތީއެވެ.

(ނިމުނީ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟