މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ފިންލޭންޑްގެ ވިޔަފާރިވެރިޔާ ތޯމަސް ޒިލިއަކަސް ބިޑް ކުރިކަމަށް އޭނާ ބުނެފިއެވެ.

ޔުނައިޓެޑް ގަތުމަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކަށް ރޭގެ ނިޔަލަށް ކުރިން ދީފައި އޮތް ނަމަވެސް، ކްލަބު ގަތުމަށް އެންމެ ބޮޑަށް ހަރަކާތްތެރިވި އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފާއި ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީއަށް ގަޑިއަށް ބިޑް ހުށަނޭޅުމުން އިތުރު މުއްދަތެއް ދިނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މިހާރު ޖަސީމްއާއި ރެޓްކްލިފްވެސް ވަނީ ޔުނައިޓެޑް ގަންނަން އެ ދެފަރާތުގެ ބިޑުތައްވެސް ހުށަހަޅައިފައެވެ.

ރެޓްކްލިފާއި ޖަސީމް ފިޔަވައި އިތުރު ފަރާތަކުން މީގެ ކުރިން ޔުނައިޓެޑް ގަތުމަށް ފާޅުގައި ޝައުގުވެރިކަން ފާޅުކޮށްފައި ނުވި ނަމަވެސް، މިއަދު ފިންލޭންޑްގެ މޯބައިލް ކުންފުންޏެއް ކަމަށްވާ ފިއުޗާވޯކްސްގެ އިތުރުން ނިއުކީ އަދި ޔޫޒޫ ކޯޕަރޭޝަންގެ ޗެއާމަން ޒިލިއަކަސް ވަނީ ބިޑް ކުރި ކަމަށް ބުނެފައެވެ.

"ކޮންމެ ކުޅިވަރެއްގެވެސް ފޯކަސް ހުންނަންވާނީ ސަޕޯޓަރުންނަށް. އަހަރެންގެ ބިޑް މައިގަނޑުކޮށް ފޯކަސް ކުރާނީ ސަޕޯޓަރުންނަށް. މިހާރު ހުށަހަޅާފައި ބިޑްތަކުގައި ސަޕޯޓަރުންނަށް ދޭ ސަމާލުކަން ވަރަށް ކުޑަ. ގަތަރުގެ ވަރުގަދަ ބިލިއަނަރުން، ޝާހީ އާއިލާއިން ކްލަބުތައް ގަނެގެން އަމިއްލަ ބޭނުމަށް ކްލަބު ބޭނުންކުރުމަކީ އެންމެ ހެޔޮ ގޮތެއް ނޫން،" ޒިލިއަކަސް ބުންޏެވެ.

ޒިލިއަކަސް އިތުރަށް ބުނީ އޭނާގެ ވިސްނުމަކީ ކްލަބުގެ ހިއްސާގެ އެއްބައި ސަޕޯޓަރުންނަށް ވިއްކާލައި، ސަޕޯޓަރުންނަށް ކަން ނިންމުމުގައި ބާރުތަކެއް ދިނުން ކަމަށެވެ.

"ޔުނައިޓެޑްގެ މާކެޓް އަގަކީ މިހާރު ގާތްގަނޑަކަށް 3.9 ބިލިއަން ޑޮލަރު. އޭގެ މާނައަކީ ކްލަބުގެ އެއްބައި ސަޕޯޓަރުންނަށް ވިއްކާލާނަމަ، ރަސްމީކޮށް ކްލަބުގެ ސަޕޯޓަރުންގެ ގޮތުގައި ތިބި މީހުން އެއްކޮށް ފައިސާ ދޭނަމަ، ސަޕޯޓަރަކު އަތުން ދާނީ ހަ ޑޮލަރޭ. އަހަރެންގެ ގްރޫޕުން އެއްބައި ގަނެ، އަހަރެން އެދޭނީ ސަޕޯޓަރުން ކްލަބުގެ އަނެއްބައި ހިއްސާ ގަންނަން. އެކަން ކުރާނީ އާ ކުންފުންޏެއް އެކަމަށް ހަދައި، އެ ކުންފުނީގައި ސަޕޯޓަރުންގެ ހިއްސާ އޮންނަ ގޮތަކަށް،" ޒިލިއަކަސް އިތުރަށް ބުންޏެވެ.

ޒިލިއަކަސްގެ ވިސްނުމުގައި ސަޕޯޓަރުންނާ ގާތް ގުޅުމެއް އުފައްދަން ގަސްދުކޮށްފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެގޮތުން ނިންމުންތަކަށް ރަޖިސްޓާޑް އެޕެއްގައި ވޯޓެއް ނަގަން އޭނާ ވަނީ ރާވައިފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޒިލިއަކަސްގެ އިތުރުން ޖަސީމާއި ރެޓްކްލިފް އަދި އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި އެލިއޮޓުންވެސް ވަނީ ޔުނައިޓެޑަށް ބިޑްކޮށްފައެވެ.

ޔުނައިޓެޑް ގަންނަން ހުށަހަޅާފައިވާ ޒިލިއަކަސް ވަނީ މީގެކުރިން އޭނާގެ ގައުމުގެ އެޗްޖޭކޭ ހެލްސިންކީއާއި އިތުރު އައިސް ހޮކީ ޓީމެއް ކަމަށްވާ ޖޯކާޓް ގަނެގެންވެސް މަސައްކަތްތަކެއް ކޮށްފައެވެ. ޒިލިއަކަސްއަކީ އަލަށް ތައާރަފުކޮށްފައިވާ މީސް މީޑިއާ އެޕެއް ކަމަށްވާ ނޯވާއެމް ގްރޫޕްގެ ޗެއާމަނުވެސް މެއެވެ.