ހުޅުމާލެ ފޭސް ދޭއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ލިބުނު ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއްކޮށްގެން ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، އެޗްޑީސީގެ ނަމުގައި ފޯނުން ގުޅައިގެން، އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ބައެއް މައްސަލަތަކުގައި މީހުންގެ އަތުން ފައިސާވެސް ހޯދާފަައިވާ ކަމަށެވެ. އެގޮތުން ބޭންކަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާ މީހެއް އަތުން 70،000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ މުއާމަލާތް ކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި ފޭކް ފޭސްބުކް ޕޭޖުތަކުން މުދާގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް މުއާމަލާތު ނުހިންގޭ ގޮތް ހަދާފައިވާ މައްސަލަތަކާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހަޅާފައިވާކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ އެފަދަ ކަންކަމުން ސަލާމަތްވުމާއި ރައްކާތެރިވެ ތިބުމަށް ޒާތީ މައުލޫމާތާއި އޯޓީޕީ ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގޮތްނޭނގޭ ފަރާތްތަކަށް، އެއީ ކާކުކަން ދެނެނުގަނެ ފައިސާ ހަވާލުކުރުމާއި އެއިން އެއްވެސް މުއާމަލާތެއް އަދި އެކައުންޓުގައި ގޮތް ނޭންގޭ ފައިސާއެއް ހުރިނަމަ އެކަން ބޭންކަށް އެންގުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓް ކުރެވެއެވެ. އަދި އީސިމް ނެގުންފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ ހިއްސާކޮށްފި ނަމަ، އެ ސިމް އެހެން މީހަކަށް ލިބެއެވެ. މިހެން ވުމުން އެކައުންޓުން ކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު