ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު އަންނަ ހަފުތާގައި ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށާނެ ދުވަހަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހުއާ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ، ކަދުރު ބަހަން ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ކަދުރު ފުރަތަމަ ބަހާނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ކަމަށާއި އެއަށްފަހު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޭނެ ކަމަށް ވިދާޅުވިއެވެ.

"މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ދިރިއުޅެ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ލިބޭނެ. އެކަމަކު އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަންދޭނީ ފަގީރުންގެ ލިސްޓަށް. ދެން ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ކަދުރު ބަހާނީ." އަފްރާހު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޭބިސީތަކަށް ކަދުރު ދޫކުރެވޭނީ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން އޭގެ ސައްހަކަން ބެލުމަށްފަހު ކަމަށެވެ. އޭގެ އިތުރުން ބަލައި އަންނަ މީހާގެ އައިޑީކާޑު ދައްކަންޖެހޭނެ ކަމަށް ބުންޏެވެ.