Close
ޚަބަރު

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ގައިސް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ގައިސް އައްޔަންކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް ގައިސް، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަދެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުން ގައިސް މިދިޔަ ޖެނުއަރީ އަށްވަނަ ދުވަހު އިސްތިއުފާ ދެއްވީ އީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށެވެ.

އޭނާ ވަނީ ރައީސް ސޯލިހްގެ ކެމްޕެއިންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފައެވެ. ގދ. ތިނަދުއަށް އުފަން ގައިސް ވަނީ ގދ. އަތޮޅު ކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވައިފައެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، މިއަދާ ހަމައަށްވެސް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ.