ޚަބަރު

ޑިންގީން ޖެހި 2 ފަތުރުވެރިން މަރުވި މައްސަލައިގައި ޖަލީލަށް ކުރި ދައުވާ އަލުން ކުރިއަށް ގެންދަން އަންގައިފި

އިބްރާހިމް ޒަކީ

ޑިންގީއަކުން ޖެހި ދެ ފަތުރުވެރިން މަރުވި މައްސަލައިގައި، ޑީންގީ ދުއްވަން އިން ރ. އިނގުރައިދޫ، ޝަރުމީލާ މަންޒިލް އަބްދުލް ޖަލީލު ހުސައިންމަނިކުގެ މައްޗަށް ކުރި ދައުވާ، ޝަރީއަތުގެ މަރުހަލާއިން ފެށިން އަލުން ކުރިއަށް ގެންދިއުމަށް ހައިކޯޓުން އަންގައިފިއެވެ.

މިއީ އެކެއް ޖުލައި 2018 ވަނަ ދުވަހު 10:30 އެހާކަށްހާއިރު، ޖަލީލު، އޭނާ ވަޒީފާ އަދާކުރަމުންގެން އަންނަ ބ.ފިނޮޅު ރިސޯޓުގައި ބޭނުންކުރާ 'އަ ލިޓްލް ނޯޓީ' ނަމަކަށް ކިޔާ ޑިންގީ ކަނޑު ދަތުރުފަތުރު ކުރުމުގެ ލައިސަންސް ނެތި ދުއްވާފައި ދަނިކޮށް ހިނގި ހާދިސާއެކެވެ.

ޑިންގީގައި އޭނާދިޔައީ އެ ރިސޯޓްގެ މެއިން އައިލެންޑް، ކަނިފުށިން އެރަށާ އެއްފަޅެއްގައި އެންމެ އިރަށް އޮންނަ އުފުލިގިރިއަށް އެރިސޯޓުގެ މެނޭޖަރު މާރކް ރީޑާ ބަލައެވެ. އެ ދަތުރުގައި ބާރު ސްޕީޑްގައި ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ކަނިފުއްޓާއި އުފުލިގިރިއާ ދެމެދު އޮންނަ ކަނުފުށީ ގާތު ފިނޮޅުގައި ސްނޯކްލް ކުރުމަށްޓަކައި މޫދަށް އެރިތިބި ޗައިނާގެ ދެފަތުރުވެރިންނަށް ލިބުނު އަނިޔާގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ މައްސަލައިގައި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ޖަލީލުގެ މައްޗަށް ކުރިއެވެ. މި މައްސަލަ ކުރިއަށް ގެންދިޔައީ، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ.

މި މައްސަލައިގައި އެ ކޯޓުން ކުރި ހުކުމުގައި ބުނަނީ، ޖަލީލަކީ ނަފުސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ކަމަށާއި، އެ ބަލިމަޑުކަމުގެ ސަބަބުން މިޒާޖަށް ބަދަލު އަންނަ އަދި ހިޔާލީ ދުނިޔެއެއްގައި އުޅޭ މީހެއްކަން އޭނާގެ ސައިކޭޓްރިކް އެސެސްމަންޓުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އޭނާއަކީ ޝަރީއަތެއް ހިންގުމުގެ ސަލާހިއްޔަތު ލިބިގެންވާ މީހަކަށް ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް ދައުވާލިބިގަތުމާއި، ކުރާ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާ މީހެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ. އެކަމަށްޓަކައި މިދައުވާ ބާތިލުކޮށް މައްސަލަ ނިންމީ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

މި ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު، ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއްނޫން ކަމަށްވާތީ، އެހުކުމް ބާތިލުކުރާ ކަމަށެވެ. ޖަލީލުގެ ފަރާތުން ހުށަހަޅާފައިވާ، ބުއްދިއަށް އުނިކަން ލިބިގެންވުމުގެ ދިފާއާމެދު ގޮތެއް ނިންމުމަށްޓަކައި މިދައުވާ ޝަރިއަތުގެ މަރުހަލާއިން ފަށައިގެން، އަލުން ކުރިއަށް ގެންދިއުމަށް، ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް ހުކުމް ކުރާ ކަމަށެވެ.