މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ހުނަރުވެރި އަދި ގާބިލު ފަޔާ ވެހިކަލް އޮޕަރޭޓަރުން އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލީޑިން ފަޔާ ފައިޓާ ކޯހުގެ 13 ވަނަ ބެޗް މިއަދު ނިންމާލައިފިއެވެ.

މިކަން ނިންމުމުގެ ގޮޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ގުރައިޝާ އިސްމާއީލް އެވެ. މި ރަސްމިއްޔާތުގައި ކާޑެއްދޫ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ހަބީބާއި އެމްއޭސީއެލްގެ އެއާޕޯޓް އިމަޖެންސީ ސާވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސިލުން ބުނީ ފަސް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެންއެފްޕީއޭ) ގެ މިންގަނޑުތަކާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ. މިކޯހުގައި ކިޔަވައިދީފައި ވަނީ އެމްސީއޭއޭގެ ސެޓިފައިޑް ޓްރެއިނަރުންނެވެ.

މީ ކޯހުގެ މަގުސަދަކީ އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ފަޔާ ވެހިކަލްތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓްކުރާނެ ގޮތުގެ ތިއޮރިޓިކަލް އަދި ޕްރެކްޓިކަލް ދަސްކޮށްދިނުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މިކޯސް ފުރިހަމަ ކޮށްފައިވަނީ ޖުމުލަ 19 ފަޔާމަނުންނެވެ. އެއީ އެއާޕޯޓު ފަޔާ އެންޑް ރެސްކިއުގެ 17 މުވައްޒަފުންނާއި ކާޑެއްދޫ ދެ ފަޔާމަނުންނެވެ.

މީގެއިތުރުން އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ "ނަތީޖާއެއްގެ ގޮތުން މި ކޯހަކީ ކާޑެއްދޫ އެއާޕޯޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މަސައްކަތުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެކަން ކަށަވަރުވެގެންދާނެ،" ކަމަށްވެސް އެމްއޭސިލުން ބުންޏެވެ.

ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ގުރައިޝާ އިސްމާއިލް ވިދާޅުވީ މިކޯހުގެ ސަބަބުން އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވެފައިވާ، ތަމްރީނު ލިބިފައިވާ އަދި ހުނަރުވެރި ފަޔާ ވެހިކަލް އޮޕަރޭޓަރުން ލިބިގެންދާނެކަމަށެވެ. އަދި ހުރިހާ ފަޔާމަނުން ވެސް އެ މީހުންގެ ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އެކަކު އަނެކަކަށް އިހުތިރާމާއި ވަފާތެރިކަމާއި އިހުލާސްތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރަން ޖެހޭނެކަމަށް ގުރައިޝާ ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ބުނީ ލީޑިން ފަޔާމޭން ކޯހަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އޭވިއޭޝަން އިންޑަސްޓްރީގެ އެކި ދާއިރާތަކަށް އިތުރުވަމުން އަންނަ ޑިމާންޑްތަކަށް އެމްއޭސީއެލް އިން ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.