އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ކުރި މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ތަހުގީގު ކުރުމަށް އެމްއެންޑީއެފުން ހާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފުލާއަށް ފަހު، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނު ވަޑައިގަންނަވަނިކޮށް، ޕީޕީއެމް އޮފީސް ކައިރިންނެވެ. އެވަގުތަކީ އާރަށު ކޮރަޕްޝަން މައްސަައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން މުޒާހަރާ ކުރަމުންދިޔަ ވަގުތެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރައީސް ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ހާއްސަ ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. މި ކޮމެޓީއަކީ ދިފާއީ ބާރުގެ ލީޑާޝިޕްގެ މަޝްވަރާގެ މަތިން، ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ކޮމެޓީއެއް ކަމަށްވެސް ބުންޏެވެ.

"މި މައްސަލައާ ގުޅިގެން، މިހާރު ވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފަ،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރު އިބްރާހިމް ހަލީމްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ރޭގެ ހާދިސާއަކީ ރާއްޖޭގައި ބޭއްވި މުޒާހަރާއެއްގައި ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އެޅި ފުރަތަމަ ފަހަރެވެ.