މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ ހަވާލުކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްއެންޕީން މިއަދު ބުނީ އެ ތާރީހު ކަނޑައެޅީ ރޭ ބޭއްވި އެ ޕާޓީ ހިންގާ ގައުމީ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ. ރިޔާސީ ކެނޑިޑޭޓަށް ޕާޓީގެ ޓިކެޓް ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގައި ބަލަހައްޓާނީ ޕާޓީގެ ނާއިބު ރައީސް ހުސެއިން އިސްމާއިލް ކަމަށްވެސް ރިޔާސަތުން އިއުލާން ކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވީ ނާޒިމް އެކަންޏެވެ. އެހެންވެ ނާޒިމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އިންތިހާބަކާ ނުލައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވައިފައި ވަނީ، ނާޒިމްގެ އިތުރުން އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީންނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ދީފައެވެ.