އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ .އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދެއްްވިކަމުގެ ކުށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް މައްޗަށް ކުރި ހުކުމް، އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ހުށަހަޅައިފައެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އިއްޔެއެވެ. ނަމަވެސް އެ ކޯޓުން އަދި އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލައިގައި ޔޫސުފް ނައީމްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްވެސް ވަނީ ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މަނިކުފާނުގެ ހުކުމްވެސް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުގައި ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކެއް 15 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ޔާމީންގެ އެކައުންޓަށް ޖަމާވެފައިވެއެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް އެއްވެސް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
އާރަށް މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގައި ހިމެނޭ ފައިސާ ކަމަށް ޔޫސުފް ނައީމްވެސް ރައީސް ޔާމީންވެސް ވިދާޅުވެފައިވެއެވެ. އަދި އެކަން ސާބިތުކުރުމަށް އެ ބޭފުޅުންގެ ފަރާތުން ހެކިވެސް ހުށަހެޅިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު