Close
ޚަބަރު

މުޒާހަރާގެ ތެރެއިން ނައިފަރުދާއިރާގެ މެންބަރު ޝިޔާމު ރޭ ހައްޔަރު ކުރީ ގަވާއިދާ ހިލާފަށް: އީވާ

އިބްރާހިމް ޒަކީ

1

އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން އެ ޕާޓިގެ ޕާލަމެންޓްރީ މެންބަރު ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ފުލުހުން ރޭ ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަމަށް އެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށުގައިކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް 11 އަހަރަށް ޖަލަށް ހުކުމްކުރުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އިން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ޝިޔާމް ހައްޔަރު ކުރީ، އެ ދިމާލުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައެވެ.

ރޭގެ މުޒާހަރާގެ ބައިވެރިން ވެސް ވަނީ ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައިފައެވެ. އެ މައްސަލައިގައި މެންބަރު ޝިޔާމާއެކު އިތުރު ބަޔަކުވެސް ހައްޔަރު ކުރިއެވެ. ނަމަވެސް ޝިޔާމާއެކު ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިވާ ވިދާޅުވީ، "ޝިޔާމްވަނީ ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފަ، އެ މެންބަރު މިހާރު ދޫކޮށްލާފައިވާ ކަމަށް، އަޅުގަނޑުމެން އޮޅުން ފިލުވި މައުލޫމާތުން އަޅުގަނޑުމެނަށް ސާފުވަނީ،" ކަމަށެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 236 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން މެންބަރު ޝިޔާމް ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފިނަމަ އެއް ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ. އާއްމު އުސޫލުން ފުލުހުން ކަންތައް ކުރަނީވެސް އެގޮތަށް ނަމަވެސް "މިފަހަރު ނައިފަރު ދާއިރާގެ މެންބަރު ހައްޔަރު ކުރުމަށްފަހު އަޅުގަނޑުމެނަށް މައުލޫމާތު ލިބެނީ ހަތަރުގަޑިއިރެއްހާއިރުގެ ތެރޭގައި ދޫކޮށްލީ، އެހެން ނަަވެސް މަޖިލީހަށް އަންގާފައިނުވާ ކަމަށް،،" ވެސް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލީހަށް އެ މައުލުމާތު އަންގާފައި ނެތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟