Close
ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރީ 4 މީހުން: ފުލުހުން

ރިފާ ހަލީލު

ބޮޑުތަކުރުފާނު މަގުން، ޕީޕީއެމްގެ އޮފީސް ކައިރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮޓޯކޭޑްގައި ދަތުރުކުރައްވަމުން ގެންދަވަނިކޮށް، އެ ސަރަހައްދުގައި އެވަގުތު މުޒާހަރާ ކުރަމުންދިޔަ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައިވެރިން، ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަތަރު މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅާފައި މިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ދަތުރު ކުރއްވަމުން ގެންދަވަނިކޮށެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ރޭގެ ވަގުތެއްގައި ހަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ. އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ބުންޏެވެ.

ރައީސްގެ މޮޓޯކޭޑު ދަތުރުކުރަމުން ދިޔަ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ޕީޕީއެމް/ޕީއެންސީން އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދެއެވެ.

މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން، ރައީސްގެ ކާރުކޮޅު ވަނީ އަނބުރާލާފައި، އެސަރަހައްދުން ގޮސްފައެވެ. އެއިރުވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ރައީސްގެ ކާރުކޮޅު ކައިރިއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.