ޚަބަރު

ރައީސް އިބޫ ސޯލިހުގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލައިގައި، މިނިސްޓަރު މާރިޔާ ވަކިކުރަން ގޮވާލައި ކުއްލި މައްސަލައެއް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ރޭ ބްރީޗް ކުރި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ އިހުތިޖާޖުގެ ބައިވެރިން އެ ޕާޓީގެ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ރައިސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ކުއްލިއަކަށް އައިސް އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެފައިވާ ކަމށެވެ.

"ރައީސަކު ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް މިފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދާ ތަނަކަށް ވަދެގެން ދިއުމަކީ ނޭނގި ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ އާއި، އަދި މިއީ ވަރަށްބޮޑަށް ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ގަބޫލު ކުރެވޭތީ އާއި، ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ރައްކާތެރިކަން ބަލަހައްޓަނީ އެމްއެންޑީއެފުން ކަމަށް ވާއިރު، މިކަން ހިނގާ ދިއުމުގެ ޒިންމާ ސީދާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަންގަވަން ޖެހޭނެ،"

އެހެންކަމުން ރައީސްގެ ސަލާމަތީ ކަންކަން ކޮމްޕްރޮމައިޒް ކުރުމަކީ ކުރަން ހެޔޮވާވަރުުގެ ކަމަށްނުވާތީ އާއި، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންކަންވެސް ދޯދިޔާވެ ނުބެލެހެއްޓި، އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާ ވަރުގެ ބޮޑު ހާދިސާއެއް ހިނގާފައިވާތީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ މަގާމުން ވަކި ކުރުމަށާއި، ގަސްތުގައި ރައިސުލްޖުމްހޫރިއްޔާ ދަތުރު ކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗް ކުރި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ގަނޭތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 35 މެންބަރުންގެ ތެރެއިން، މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ. މައްސަލަ ބަަލަ ބޭރުކޮށްލަން 17 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަންނަން ބޭނުންވަނީ 12 މެންމަރުންގެ ވޯޓެވެ. އެހެންކަމުން އެ އަދަދަށް ވޯޓު ނުލިބުމުގެ ސަބަބުން މައްސަލަ ވަނީ ބޭރުވެފައެވެ.