ގޯލްޑަން ފުޓްސަލް ޗެލެންޖް

އޮންލީގެ އެންމެބޮޑު ކާމިޔާބުގެ ސިއްރު: އަހުލާގާއި ލީޑަޝިޕްގެ ނަމޫނާއިން ދެއްކި ހިތްވަރު

މުޙައްމަދު ޝަމްޢޫން

"އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރަށަށް އަތޮޅަށް ފުޓްސަލްއިން ކާމިޔާބީއެއް ގެނެސްދެވޭނެ ދުވަސް. އެއީ އަބަދުވެސް އެންމެ ބޮޑު ހުވަފެން،" އަބަދުވެސް ލ. ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ބުނަމުން ދިޔަ ވާހަކައެކެވެ. އެއީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެވެ. އެ ހުވަފެން ހަގީގަތަކަށް ހެދީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގަމަށް ކާމިޔާބު ކޮށްދީގެންނެވެ. ގަމުން ހޯދި ކާމިޔާބީގެ އެންމެ އިސް މޭސްތެރިޔަކީ އަދި ޓީމުގެ ލީޑަރަކީ މުބާރާތުގެ "ކިންގް" އޮންލީއެވެ. އޮންލީގެ ކެރިއަރު ފުރިހަމަކުރެވުނު ކަމުގެ އިހުސާސާއެކު ފައިނަލަށް މެޗަށްފަހު އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގި، ޖަޒުބާތުގައެވެ.

"އަލްހަމްދުލިﷲ. ވަރަށް ވަރަށް އުފާވެއްޖެ. މި ވަގުތު އަސްލު ބުނާނެ އެއްޗެއްވެސް ނެތް. ޓީމަށް، ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ފައިނަލް މެޗަށްފަހު އޮންލީ ފުރަތަމަވެސް ބުންޏެވެ.

ލ. ގަމު ތުނޑީ އަވަށު ވެލި ދަނޑުން ފެށި ފުޓްސަލްގެ ކެރިއަރު އޮންލީ ކިތަންމެހާވެސް ފުރިހަމައަށް ބިނާކޮށްފިއެވެ. ރާއްޖޭގައި ކާމިޔާބުނުކުރާ ފުޓްސަލްގެ ބޮޑު މުބާރާތެއް ނެތެވެ. ފުރަތަމަ ދައްކާލި ހުނަރާއެކު ކެރިއަރެއް ބިނާކުރުމުގެ އަޒުމުގައި މާލެ އައިސް، އޭނާ ކާމިޔާބު އެ ހޯދީ ބުރަ މަސައްކަތުންނެވެ. ޑިސިޕްލިން އެންމެ ރަނގަޅު، ދަނޑުމަތީގައި ލީޑަޝިޕް ދައްކާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ފުޓްސަލްއަކީ އާމްދަނީވެސް ހޯދޭނެ ކުޅިވަރެއްކަން އެތައް ބަޔަކަށް ދައްކުވައިދީ، އޮންލީ ވެފައިވަނީ އެތައް ކުޅުންތެރިންގެ "އިންސްޕިރޭޝަން"އަކަށެވެ. އެތައް ކުޅުންތެރިންނެއްގެ "އައިޑަލް"އަކީ އޮންލީއެވެ. އޮންލީގެ ޑިސިޕްލިންނާއި ދަނޑުމަތީގެ ސިކުނޑިއަކީ އަރަމުން އަންނަ ޖީލުތަކަށް ނަމޫނާއެކެވެ. ގޯލްޑަން ފުޓްސަލްގެ ރަސްކަމާއެކު އޮންލީގެ ކެރިއަރުގެ ހުވަފެން ހަގީގަތަކަށް ހެދީއެވެ.

"ފައިނަލް މެޗުގަ ފެނިގެން ދިޔައީ ވަރަށް ހިތްހަމަޖެހޭ ކުޅުމެއް. ގަން ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ކުޅުމެއް މި ދެއްކީ. ޓީމު އޮތީ ފައިނަލަކަށް ތައްޔާރުވާން ޖެހޭ ވަރަށް ތައްޔާރުވެފަ. ވަރުގަދަޔަށް ޖައްސަން ނުކުތީ،" އޮންލީ ބުންޏެވެ.

ފައިނަލުގައި ގަމުން ގދ. ވާދޫ ބަލިކުރީ 8-4ގެ ބޮޑު ނަތީޖާއަކުންނެވެ. އެ ކާމިޔާބީއަކީ އޮންލީގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެވެ. އެ ކާމިޔާބީ އޮންލީއަށް ހާއްސަވަނީ އުފަން ފަސްގަނޑުގެ ޝަރަފަށްޓަކައެވެ. ފައިނަލް މެޗަށް ގަމުން ފުރައިގެން ދިގު ދަތުރެއްކޮށްފައި މާލެ އައިސް ތިބި އެތައް ސަޕޯޓަރުންނެއްގެ ހިނިތުންވުމަކީ އޮންލީގެ ހުވަފެނީ ކާމިޔާބީގެ ހާއްސަކަމެވެ.

"މިއަށްވުރެ ބޮޑު ކާމިޔާބެއް ނުލިބޭނެކަންނޭނގެ ގަމަކަށްވެސް. އަދި އޮންލީއަކަށްވެސް. ޓީމުގެ އެހެން ކުޅުންތެރިޔަކަށްވެސް. މިއީ މިކާމިޔާބު ހޯދަން ލިބުނު ދެވަނަ ފަހަރު. ދެވަނަ ފަހަރު މިއޮތީ ކާމިޔާބު ހޯދިފައި. މި ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. މިއީ ކުރިން އޮތް ޓީމަށްވުރެވެސް ވަރުގަދަ ޓީމަކަށްވީމަ އެކަން ސިކުނޑީގައި ބަހައްޓައިގެން މި ކުޅެނީ. ބަދަލުކޮށްލަން ބެންޗުންވެސް ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބޭ. އޮންލީއާއި އަންމަޑޭއަށްވެސް ހަމަ ރެސްޓްކޮށްލަން ބޭރަށް ފައިބައި މަޑުކޮށްލަން ވަގުތު ލިބޭ. ގިނަ ޓީމުތަކުގައި ކީ ޕްލޭޔަރުންނަށް އެ ފުރުސަތެއް ނުލިބޭނެ. އެއީކަންނޭނގެ މި ޓީމުގެ އެންމެ ވަރުގަދަ ކަމަކީ،" އޮންލީ ބުންޏެވެ.

ގަމުގެ ނަމުގައި ވަރުގަދަ ޓީމެއް ބިނާކުރުމުގައިވެސް އޮންލީގެ ދައުރު ބޮޑެވެ. ޓީމެއް ޓީމެއްގެ ގޮތުގައި އެއްކޮށް، އެތައް ބައެއްގެ އެހީތެރިކަމާއެކު ޓީމަށް އެންމެ ބޮޑަށް ހިތްވަރު ދޭނެ މީހަކީވެސް ހަމަ އޮންލީކަން ޔަގީނެވެ. ކޮންމެ މެޗެއްގައިވެސް ދަނޑުމަތިން ފެނިގެން ދިޔައީ ޓީމުގެ ހިތްވަރަކީ އޮންލީ ކަމެވެ. މުހިއްމު ވަގުތުގައި ގޯލުވެސް ޖަހައި، އެތައް ގުރުބާނީއެއްވި މަންޒަރުވެސް އޮންލީގެ ފަރާތުން ފެނުނެވެ. ރަށު ލޯބީގައި، ރަށުގެ ފުޓްސަލް ރަން ޖީލުން ރާއްޖޭގެ ޗެމްޕިއަންކަމަށް ކުރި ފުރިހަމަ ދަތުރުގެ ޝުކުރު އޮންލީ ހާއްސަ ކުރަނީ ސަޕޯޓަރުންނަށެވެ.

"ޓީމާއެކު ތިބި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ފެނުނު މަންޒަރާއެކުވެސް މެޗު ނަގަން ޖެހޭކަން އިހުސާސްކުރެވުނު. އެކަން ފެނިގެން މިދިޔައީވެސް،" އޮންލީ ބުންޏެވެ.

ގަމުން ރާއްޖޭގެ ފުޓްސަލް ރަސްކަމަށް އައި ފުރަތަމަ ފަހަރެވެ. 2018 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި މާފަންނު އަތުން ބަލިވި ބަލިވުމުގެ ހަނދާން ނައްތާލައިފިއެވެ. ރާއްޖޭގެ އެންމެ ބޮޑު މުބާރާތް ކާމިޔާބުކޮށް، ލޯގޯގެ މަތީގައި ރަން ތަރި ޖަހާލައިފިއެވެ. ގަމުގެ ފުޓްސަލްގެ އާ ބާބެއްގެ ފެށުމަށް ތައްޔާރުވެއްޖެއެވެ. ގަމުގެ ފުޓްސަލް ފެންވަރު ސާބިތުކޮށްދޭން އެތައް އަހަރެއް ވަންދެން އޮންލީއާއި ޓީމުން ކުރަމުން އައި މަސައްކަތް ކާމިޔާބުވެއްޖެއެވެ. ޓީމުގެ އެކުވުން ފުރިހަމައަށް ފެނުނެވެ. ގަމަކީ ރާއްޖޭގެ ޗެމްޕިއަނެވެ.