ކ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 82.99 މިލިއަން ރުފިޔާއަށް 450 ދުވަހުން ނިންމާ ގޮތަށެވެ.

އެމްޓީސީސީން މިއަދު ބުނީ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމެންޓެއް ޖެހުމާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތްތައް ކުރާނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ގުޅީގެ އަބާދީގެ ރަޖިސްޓަރީގައި 994 މީހުން އޮތް ނަމަވެސް، އެ ރަށަކީ ބިން ކުޑަ ރަށެކެވެ. އެ ރަށުގައި އޮޑިދޯނިފަހަރު މަރާމާތުކުރާ ޔާޑަކާއި ކަންނެއްޔަށާއި ކަނޑުމަހުގެ މަސްވެރިކަން ކުރާ ފަސް އޮޑިފަހަރު އޮވެއެވެ. ގުޅީގެ ރައްޔިތުންގެ މައިގަނޑު އާމްދަނީއަކީ ގެސްޓްހައުސްގެ ވިޔަފާރިންނާއި ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާއެވެ.

ގުޅީގައި މިވަގުތު ދަނީ 12 ގެސްޓްހައުސެއް ހިންގަމުންނެވެ. އެއީ ޖުމުލަ 100 އެނދެވެ. ރަށުގެ ބިން ކުޑަވުމުގެ ސަބަބުން ގުޅިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1996 އާއި 1998 އާ ދެމެދުގެ ހިސާބެއްގައި ކަމަށް އެ ރަށު ކައުންސިލާ ހަވާލާދީ އެމްޓީސީސީން ބުނެއެވެ.