ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ޖަމިއްޔަތުލް ސަލަފްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ގާސިމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަލަފު ޖަމިއްޔާއާ ބައްދަލުކުރެއްވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް މެނިފެންސްޓޯ ތައްޔާރުކުރެއްވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކައުންސިލުން ނިންމާފަ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން. އަޅުގަނޑުމެންގެ މެނިފެސްޓޯ ތައްޔާރުކުރާ އިރު ދީނީ ކަންކަން އެކުލަވާލާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަލަފު ޖަމިއްޔާގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއިދު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރުމުންވެސް މައްސަލައެއް ނެތް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގާސިމާއި އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފާރިސް ވެސް މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.