ޚަބަރު

މާރާމަރީގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ފޮރުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

މުހައްމަދު އިޝާން

މާރާމާރީއެއްގެ މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ މީހަކު ފޮރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ކޯޓުން ވަނީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ދެން ތިބި ދެ މީހުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަން އިއުލާންކޮށްފައިވާ މީހަކު ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ރޭ މާލޭ ސަރަހައްދުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ފަސް މީހުންނަކީ ދިވެހި ފިރިހެނުން ކަމަށާއި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.

މާރާމާރީގެ މައްސަލައިގައި ހޯދަން އިއުލާންކޮށްފައިވަނީ ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމެވެ.

ފުލުހުން ބުނީ ފައިހް ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅުނު ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.