ރަސްކަން ލިބުނަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތައިނުލުމަށް ހަނދާންކޮށްދީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުސީދާ ގޮތެއްގައި ނައިބު ރައީސް ފައިސަލް ނަސީމަށް ފާޑުވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމަކީ ޖޭޕީގެ މެންބަރެކެވެ. އެ މަނިކުފާނު ނައިބު ރައީސްކަމަށް ވަޑައިގަތީވެސް ޖޭޕީގެ ސްލޮޓެއްގައެވެ. ނަމަވެސް ނައިބު ރައީސް ފައިސަލް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. ޖޭޕީގެ ހަރަކާތްތަކުން ނައިބު ރައީސް ފައިސަލް މި ފަހަކަށް އައިސް ނުފެންނައިރު އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައިވެސް އެ މަނިކުފާނު ބައިވެރިވެވެޑައިގެންފައެއް ނުވެއެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމް އިއްޔެ އެމްއާރްއެމްގެ ޒައީމް މައުމޫން އަަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް ފަހު، މީޑިއާތަކާ ބައްދަލުކުރެއްވުމުން، "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ޖޭޕީގައި ހުރެގެން އެހެން ޕާޓީއަކަށް ތާއީދުކުރުމަކީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރުގައި އޮތްކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުމީ އެންމެ ވާހަކައެއް، އަޅުގަނޑުމެންގެ ހަރުމީހުން ނުވަތަ ބުއްދުވެރިން ބުނަނީ، ތިމާ ރަސްކަމުގަ ހުއްޓަސް ތިމާ ސަލާން ޖަހަން މަގުމަތީގައި އުޅުނު ދުވަހު ގެންގުޅުނު ނާށިގަނޑުގެ މަތިން ހަނދާން ނައްތައިނުލާށޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޖޭޕީގައި އެ ޕާޓީއަށް ތާއީދުނުކުރާ އެހެން ބައެއް ބޭފުޅުންވެސް އެ ބައުޅުއްވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ވާހަކަ އެ ބޭފުޅާއާ ހިސާބަށް އަދި ނާންނަ ކަމަށެވެ.