Close
ޚަބަރު

ވެމްކޯގެ ކެޕްސް ލައިޓުގެ ހިދުމަތް މިހާރު ކޮންމެ ދުވަހަކު ލިބޭނެ

ރިފާ ހަލީލު

ރޯދަމަހާ ދިމާކޮށް ގޭތެރެ ސާފުކުރުމަށްފަހު އުކާލަން ހުންނަ ބޮޑެތި ކުނި ހެޔޮ އަގުގައި ކޮންމެ ދުވަހަކުވެސް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކެޕްސް ލައިޓު ބޭނުންކޮށްގެން އުކާލެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ބުނީ މީގެ ކުރިން ހަފުތާއެއްގެ އެކި ދުވަސްތަކަށް ބަހާލައިގެން ބަލްކު ކުނި ނުވަތަ ބޮޑެތި ކުނި އުކާލުމުގެ ހިދުމަތް ދިން ނަމަވެސް މިހާރު ހަފުތާއަކު ކޮންމެ ދުވަހަކުވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ. އެހެންކަމުން ބޮޑެތި ކުނި އުކާލަން ބޭނުންވާ ފަރާތްތަކުން ދަތުރު ހޯދުމަށް 1666 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.

ވެމްކޯގެ ކެޕްސް އަދި ކެޕްސް ލައިޓްގެ ހިދުމަތް ދިނުމުގައި ވެމްކޯގެ ހަތަރު ސައިޒެއްގެ ޕިކަޕެއް ހަރަކާތްތެރިވެއެވެ. އެއީ 350 ކިލޯގެ ޕިކަޕާއި 1.5 ޓަނުގެ ޕިކަޕާއި 2 ޓަނު އަދި 4 ޓަނުގެ ޕިކަޕެވެ.

އެގޮތުން 350 ކިލޯގެ ޕިކަޕަކަށް 250 ރުފިޔާ ނަގާއިރު، 1.5 ތަނުގެ ޕިކަޕަކަށް ނަގަނީ 550 ރުފިޔާއެވެ. ދެ ޓަނުގެ ޕިކަޕަކަށް 750 އަދި ހަތަރު ޓަނުގެ ޕިކަޕަކަށް 950 ރުފިޔާ ޗާޖު ކުރެއެވެ. މި އަގުތަކަކީ ޖީއެސްޓީގެ ގޮތުގައި ނަގާ 8 ޕަސެންޓް އަދި ޓްރާންސްފާ ކުރުމުގެ ފީ އާއެކުއެވެ. ކެޕްސް ލައިޓުގެ ހިދުމަތުގެ އަގު ކަނޑައެޅިފައިވަނީ އުކާލާ އައިޓާމުގެ ބޮޑު/ބަރުމިނަށް ބަލައިގެން 25 ރުފިޔާ އާއި 50 ރުފިޔާ އަދި 75 ރުފިޔާގެ ރޭޓުންނެވެ.

ކެޕްސް ލައިޓްގެ ހިދުމަތަކީ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތުގެ ތެރެއިން ނެގުމަށް ހަމަޖެހިފައި ނުވާ ބޮޑެތި އަދި ބަރު ކުނި ވަކިން އުކާލަން ބޭނުންނަމަ ބޭނުން ކުރަންވީ ހިދުމަތެވެ.